އައިއެސްގެ މުފުތީ ޝައިޚް އަބްދުﷲ އަލްބަދްރާނީ (އަބޫ އައްޔޫބު) މަރާލައިފި

މޫސަލްގައި ހަނގުރާމަ ހިނގަމުންދަނީ

މޫސަލް (އެޕްރީލް 16) : އައިއެސް ޖަމާއަތުގެ އަތްދަށުން އިރާގުގެ މޫސަލް މިނިވަންކުރުމަށް ކުރަމުންގެންދާ ހަނގުރާމައިގާ އައިއެސް ޖަމާއަތުގެ މުފްތީ އައްޝައިޚް އަބްދުﷲ އަލްބަދްރާނީ (އަބޫ އައްޔޫބު) މަރާލައިފި އެވެ.

މިކަން ކަށަވަރުކޮށްދެމުން އިރާގުން ބުނީ ޝައިޚް ބަދްރާނީ (އައިއެސްގެ ލަގަބުން ނަމަ އަބޫ އައްޔޫބު) މަރާލެވުނީ މިދިޔަ ހުކުރު ދުވަހު މޫސަލްގެ ހުޅަނގުގައިވާ އައިއެސްގެ މަރުކަޒަކަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގަ އެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އައިއެސްގެ މުފްތީ އަބްދުﷲ އަލްބަދްރާނީގެ ހަށިގަނޑު ހިމެނޭކަން ކަށަވަރުވެފައި ވަނީ އިއްޔެގައި ކަމަށް އިރާގު ސިފައިންގެ ބަޔާނެއް ބުނެ އެވެ.

އަލްބަދްރާނީ އަކީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމުގެ ނަމުގައި އައިއެސް އިން ހިންގާ އިސްލާމްދީނާ ޚިލާފު އަނިޔާވެރި އަދި ލާއިންސާނީ އަމަލުތަކަށް ދީނުގެ ނަމުގައި ހުއްދަދޭ ފަރާތެވެ. އިރާގުގެ ޔަޒީދީ ދަރިކޮޅުގެ އަންހެނުން އަޅުންގެ ގޮތުގައި ގަނެވިއްކުމުގެ ފަތުވާ ވެސް ނެރެފައި ވަނީ ބަދްރާނީ އެވެ. އަދި އަސީރުން ދިރިތިއްބައި އަލިފާނަށް ލައިގެން އެންދުން ފަދަ އިސްލާމް ދީނާ ޚިލާފު ޖަރީމާތައް ދީނުގެ ނަމުގައި ހުއްދަކުރުމަށް ޓަކައި ފަތްވާގެ ނަމުގައި ހަރުކަށި އަމުރުތައް ނެރުމުގެ ފަހަތުގައި ވަނީ ވެސް އޭނާ އެވެ.

ބަދްރާނީގެ ފަތްވާގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މެރުމުގެ ޖަރީމާތައް ހިންގުމުގެ ފުރުސަތު އައިއެސް ޖަމާއަތަށް ތަނަވަސްވެގެން ގޮސްފައިވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބަދްރާނީ މަރުވީ އެމެރިކާ ސިފައިން މުސަލްގެ މަސްޖިދުއްނޫރީ އަށް ދިން ހަމަލާތަކެއްގަ އެވެ.

މިއީ ކުރިން ހަމަލާތަކެއް ދިނުމުގެ ސަބަބުން ހަލާކުވެފައިވާ މިސްކިތެކެވެ. ނަމަވެސް އެ މިސްކިތުގެ ހަލާކުވެފައިވާ އިމާރަތުގައި އައިއެސްގެ ބަޔަކު ފިލައިތިބިކަމުގެ މައުލޫމާތު ލިބިގެން އެމެރިކާ ވަނީ މިދިޔަ ހުކުރު ދުވަހު އެ މިސްކިތަށް އަލުން ބޮންއަޅާފަ އެވެ. މިއާ އެކު އިރާގު ސިފައިން ގެންދަނީ އެ މިސްކިތުގެ އިތުރުން އެތަނުގެ ވަށައިގެންވާ ހުރިހާ ސަހައްދުތަކެއް އިރާގު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް އެއްގަމު މަގުން ހަނގުރާމަ ކުރަމުންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް