އީރާނުން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމާމެދު ވެސް ޓްރަމްޕް ހިތްހަމައެއްނުޖެހޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. އީރާނުން އިއްޔެ ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމާމެދު ޓްރަމްޕް ހިތްހަމަޖެހިވަޑައިނުގަންނަވާ. ފޮޓޯ/އޭއެފްޕީ

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އީރާނުން ހުށަހެޅި އެންމެ ފަހުގެ ސުލްހައިގެ ހުށަހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅުހައްދަވައިފިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެ ހުށަހެޅުމުގައި އެމަނިކުފާނަށް ގަބޫލުނުކުރެއްވޭނެ ކަންތައްތަކެއް ހިމެނެއެވެ. ޕާކިސްތާނު މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާއިރު، އީރާނުގެ މައިގަނޑު އަމާޒަކީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާއި ނިއުކްލިއާ މަޝްވަރާތައް ފަސްކުރުމެވެ. ދެ ގައުމުން ވަނީ ހަނގުރާމަ މެދުކަނޑާލުމުގެ މުއްދަތު އިތުރުކޮށްފައެވެ. ނަމަވެސް އަދިވެސް ދާއިމީ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

  • އީރާނުގެ އެންމެ ފަހުގެ ސުލްހައިގެ ހުށަހެޅުމަށް ޓްރަމްޕް ދެކޮޅުހެއްދެވުން.
  • އީރާނުގެ އަމާޒަކީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމާއި ނިއުކްލިއާ މަޝްވަރާތައް ފަސްކުރުން.
  • ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުން ދިއުން.
  • ހަނގުރާމަ މެދުކަނޑާލުމުގެ މުއްދަތު ޓްރަމްޕް އިތުރުކުރެއްވުން.

އެމެރިކާއާއި އީރާނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމާމެދުވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އީރާނުން މީގެކުރިން ހުށަހެޅި ހުށަހެޅުންވެސް ބަލައި ނުގަންނާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްްޕް ވިދާޅުވީ އެ ހުށަހެޅުމުގައި ހިމެނެނީ އެ މަނިކުފާނަށް އެއްބަސްނުވެވޭނެ ކަންކަން ކަމަށެވެ.

"އެމީހުން ޖެހޭނީ ރަނގަޅު ޑީލެއް އެކުލަވާލަން. މި ވަގުތު އަހަރެން ހިތްހަމައެއް ނުޖެހޭ... ލީޑަރުންގެ ގޮތުގައި އެކަކު އަނެކަކާ ގުޅިގެން އުޅެވޭކަށް ނެތް، ލީޑަރަކީ ކާކުކަން ނޭނގެ." ވައިޓް ހައުސްއިން ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ޕާކިސްތާނުގެ ބައިވެރިވުމާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ނަމަވެސް ސުލްހަވުމަށް ކުރާ ދަތުރަކީ "ވަރަށް ދިގު ދަތުރެއް" ކަމަށް ކަމަށެވެ.

ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މެދުވެރިއެއްގެ ދައުރެއް އަދާކުރަމުން އަންނަ ޕާކިސްތާނު މެދުވެރިކޮށް، އީރާނުން ސުލްހައިގެ އާ ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، މި ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ހަނގުރާމަ ނިމުމަކަށް ގެނެސް، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމެވެ.

އީރާނުގެ ހުށަހެޅުމުގައި އިސްކަންދީފައިވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ކަނޑުގެ ދަތުރުފަތުރުގެ ހުރަސްތައް ނައްތާލުމަށެވެ. އަދި ނިއުކްލިއާ މަޝްވަރާތައް ފަހުގެ މަރުހަލާއަކަށް މަޑުޖައްސާލުމަށް ވެސް ހުށަހަޅާފައިވެއެވެ.

އީރާނުގެ ޖުޑިޝަރީގެ ވެރިޔާ ޣުލާމްހުސައިން މޮހްސެނީ އެޖާއީ ވިދާޅުވީ، އީރާނުން މަޝްވަރާތަކާ ދުރަށް ނުދާ ކަމަށާއި ހަނގުރާމައެއް ކުރުމަށް ނޭދޭ ކަމަށެވެ. ނަމަވެސް، އީރާނުގެ މިނިވަންކަމަށް އަރައިގަންނަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަމަލާތައް ދޭން ފެށީ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ. ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާ ސަރަހައްދުތަކަށް ޑްރޯނާއި މިސައިލް ހަމަލާދީފައެވެ.

އޭގެފަހުން އޭޕްރީލް އަށް ވަނަ ދުވަހު ދެ ގައުމުން ވެސް ވަނީ ދެ ހަފްތާގެ މުއްދަތަކަށް ހަނގުރާމާ ހުއްޓާލާފައި ބޭއްވުމަށް އެއްބަސްވެފައެވެ. ސުލްހައިގެ މަޝްވަރާތައް ކުރާ ނަމަވެސް، އެއްބަސްވުމެއް މިހާތަނަށްވެސް އެކުލަވާލާފައެއްނުވެެއެވެ.

ޓްރަމްޕް ފަހުން ވަނީ މުއްދަތެއް ނެތް ގޮތަށް ހަނގުރާމަ ހުއްޓާލާފައި ބާއްވާ މުއްދަތު އިތުރުކޮށްފައެވެ.

comment ކޮމެންޓް