ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން، ބޮލީވުޑުގެ އެކްޓަރު ސަންޖޭ ދަތު ކޯޓަށް ހާޒިރުވެފައި ނުވާތީ އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް މުމްބާއީގެ މެޖިސްޓްރޭޓް ކޯޓަކުން އަމުރެއް ނެރެފި އެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ އަހަރުގެ ފެބްރުއަރީގައެވެ.
ނަމަވެސް ސަންޖޭ މިވަނީ އަނެއްކާ ވެސް މައްސަލައެއްގައި ބެދިފައެވެ. އެއީ 2013 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މައްސަލަ އެކެވެ.
ދެ ހާސް ދެވަނަ އަހަރު އަހަރު ޑައިރެކްޓަރު ޝަކީލް ނޫރާނީގެ ފިލްމު 'ޖާން ކީ ބާޒީ' ކުޅުމަށް ސަންޖޭ އެއްބަސްވެ ފިލްމަށް ސޮއި ކުރި އެވެ. ނަމަވެސް ވަކި ހިސާބަކަށް ޝޫޓިން ދިޔަ ފަހުން ސަންޖޭ ވަނީ 50 ލައްކަ ރުޕީޒްގެ އެގްރީމަންޓު މެދުކަނޑާލައި ފިލްމު ދޫކޮށްލައިފައެވެ. އެކަމުގެ ސަބަބުން ޝަކީލް ނޫރާނީ އަށް ފަސް ކުރޯރު ރުޕީޒްގެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް އޭނާ ބުނެ އެވެ.
އެހާ ހިސާބުން ނޫރާނީ ވަނީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ހޫނުވީ، ނޫރާނީ ފުލުހުންނަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށް އަންގައި އޭނާ އަށް ފޯނު ކޯލުތައް ލިބެން ފެށި ހިސާބުންނެވެ.
ޚަބަރުތައް ބުނާގޮތުން ސަންޖޭގެ ފަރާތުން 'ގޭންގްސްޓާ' ބަޔަކު ވަނީ ނޫރާނީ އަށް ގުޅައި މަރުގެެ އިންޒާރުދީ ބިރުދައްކައިފައެވެ.
އެހާ ހިސާބުން ނޫރާނީގެ ފަރާތުން އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އަދި މައްސަލައިގެ ޝަރީއަތް ވެސް ދިޔައީ ކުރިއަށެވެ. ނަމަވެސް ޝަރީއަތް ފެށި ފަހުން ވެސް ސަންޖޭ ކޯޓަށް ހާޒިރު ވެފައި ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
"މި އަމުރަކީ އޭނާ ކޯޓަށް ހާޒިރު ނުވާތީ ހޯދި އަމުރެއް. އަހަރުމެން އެ މައްސަލަ ހުށަހެޅީ 2013 ވަނަ އަހަރު. މައްސަލަ ފެށި އިރުވެސް ސަންޖޭ ޝަރީއަތަށް ހާޒިރުވެފައެއް ނުވެ. އޭރުވެސް ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް ނެރުނު. ނަމަވެސް އޭގެ ފަހުން ސަންޖޭ ޖަލަށް ދިޔައީ ދޮޅު އަހަރަށް. ޖަލުން މިނިވަން ވެގެން ނުކުތުމުން އަނެއްކާ އަހަރުމެން އަނެއްކާ ވެސް މައްސަލަ ކުރިއަށް ގެންދަން މި މަސައްކަތް ކުރީ. އެކަމަކު ސަންޖޭ ކޯޓަށް ހާޒިރުވެފައެއް ނުވޭ. ތަކުރާރުކޮށް މަސައްކަތް ކޮށްގެން ވެސް ސަންޖޭ ކޯޓަށް ހާޒިރެއް ނުވެ،" ނޫރާނީގެ ވަކީލް ނިރަޖް ގުޕްތާ ބުނެފައިވެ އެވެ.
ނީރަޖްގެ ވަކީލް ބުނީ އެ އަމުރު ބާތިލު ކުރުމަށް ބޭނުންވާ ނަމަ، ސަންޖޭއަށް އެކަން ކުރެވޭނީ ކޯޓަށް ހާޒިރުވެގެން ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު ސަންޖޭ ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ، އެ އަމުރު ފުލުހުންނާ ހަވާލު ކުރާނެ ކަމަށާއި، އޭރުން ސަންޖޭ ކޯޓަށް ހާޒިރު ކުރާނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް ވެސް އޭނާ ބުންޏެވެ.
އަމުރާ ގުޅޭގޮތުން ސަންޖޭގެ ތަރުޖަމާނު ބުނީ، އެއީ ސަންޖޭ އާއި ސަންޖޭގެ ވަކީލުންނާ މެދު މުއާސަލާތު ކުރުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށާއި، ވީހާވެސް އަވަހަކަށް މައްސަލަ ހައްލު ކުރާނެ ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށް ފަހު، ސަންޖޭ މިހާރު އަންނަނީ ފިލްމު 'ބޫމީ' ގެ މަސައްކަތް ކުރަމުންނެވެ.