ކޮލޮމްބޯގެ ކުުނިފުނި ފޭބި ހާދިސާގައި މަރުވިމީހުންގެ އަދަދު 19އަށް

ކޮލޮމްބޯގެ މީތޮޓަމުއްލަ ކުނިގޮނޑުން ފޭބި ކުނިތައް ސާފުކުރަނީ ---

ސްރީލަންކާގެ ކޮލޮމްބޯގައި ކުނި އެއްކުރާ ކުނި ގޮނޑެއްގައި ހެދިފައިވާ ކުނި ފުންޏަކުން ބައެއް އެސަރަހައްދުގެ ގެތަކުގެ މައްޗަށް ފައިބައި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި މީހުންގެ އަދަދު 19 އަށް އިތުރުވެއްޖެއެވެ.

ކޮލޮމްބޯގެ ރަށްބޭރުގައި އޮންނަ ކޮލޮންނާވަ އަވަށުގެ މީތޮޓަމުއްލަ ކިޔާ ސަރަހައްދުގައި ހުންނަ ބޮޑު ކުނި ގޮނޑުގައި ހުރި ކުނި ފުނިން ބައެއް ވެއްޓުނީ، ވިއްސާރައިގެ ސަބަބުން އެސަރަހައްދުގައި ފެންބޮޑުވުމުގެ ހާދިސާތަކެއްވެސް މީގެ ދުވަސްތަކެއް ކުރިން ހިނގާފައި ވަނިކޮށެވެ.

ކޮލޮމްބޯގެ މީތޮޓަމުއްލަ ކުނިގޮނޑު -- ފޮޓޯ/ ޑެއިލީމިރާ

ގާތްގަނޑަކަށް 91 މީޓަރުގެ އުސްމިނަށް ހެދިފައި ހުރި އެ ކުނި ފުނި ފޭބުމަށް މެދުވެރިވި ސަބަބަކީ، ކުނިގޮނޑުގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ.

އޭއެފްޕީން ރިޕޯޓުކުރާ ގޮތުގައި، ކޮންމެ ދުވަހަކުވެސް މީތޮޓަމުއްލަގެ ކުނި ގޮނޑަށް 900 ޓަނުގެ ކުނި ދަނީ ޖަމާކުރަމުންނެވެ. އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެ ކުނި ގޮނޑުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ލަންކާގެ ސަރުކާރުން އޮތީ އެ ގޮނޑަށް ކުނި އިތުރަށް ޖަމާކުރުން ހުއްޓުވުމަށާއި، އެ ކުނި ގޮނޑުން ކުނި ނައްތާލުމުގެ މަސައްކަތް ފެށުމަށް ވެސް ނިންމާފައެވެ.

ކުނި ގޮނޑު ކައިރީގައި އާބާދުވެފައި ވަނީ ފަގީރު ރައްޔިތުންތަކެކެވެ. އޭގެ ތެރެއިން ގިނަ ގެތަކުގެ މައްޗަށް ކުންޏާއި ކިސަޑު ފައިބައިފައިވާ އިރު، ކިސަޑާއި ކުނިތަކާ އެކު ބައެއް ގެތައް ގުޑައި، ވެއްޓިފައިވެސް ވެއެވެ.

ކޮލޮމްބޯގެ ރަށްބޭރުގައި އޮންނަ މީތޮޓަމުއްލަ ކުނިގޮނޑު -- ފޮޓޯ/ ރޮއާރ އެލްކޭ

މި ހާދިސާގައި މަރުވި މީހުންގެ އަދަދު 19އަށް އިތުރުވެފައިވާ އިރު، އޭގެ ތެރޭގައި ފަސް ކުޑަކުއްޖަކުވެސް ހިމެނެއެވެ. ކިސަޑާއި ކުނިތަކުގެ ދަށުވެފައި އަދިވެސް ގިނަ ބަޔަކު ތިބި ކަމަށް ބެލެވޭ އިރު، އެކަން ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ސްރީލަންކާގެ ޚާރިޖީ ވަޒީރުގެ ނައިބު ޑރ. ހަރުޝާ ޑެ ސިލްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މީތޮޓަމުއްލަގެ ކުނިގޮނޑަށް އިތުރަށް ކުނި އެޅުން މަނާކުރުމަށް ލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި އެސަރައްދުގައި ނުރައްކާ ހާލަތު ހުރި ކަމަށް ބުނެ، އެހިސާބުގައި ދިރިއުޅެމުން ދިޔަ ފަރާތްތައް އެސަރަހައްދު ދޫކޮށް ދިއުމަށް ސަރުކާރުން މީގެ ދެ ދުވަހެއް ވަރު ކުރިން އިރުޝާދު ވެސް ދީފައިވާ ކަމަށް ޚާރިޖީ ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

ލަންކާ ސަރުކާރުން ވަނީ، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކާއި އާއިލާތަކަށް ފައިސާގެ ޚާއްސަ އިނާޔަތެއް ހަމަޖައްސައިދިނުމަށް ވެސް ނިންމައިފައެވެ.

comment ކޮމެންޓް