ލަންކާގައި ބޮޑު ކުނި ފުންޏެއް ފުރޮޅާލުމުގެ ސަބަބުން 16 މީހަކު މަރުވެއްޖެ

ކުނި ފުނީގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (އޭޕްރިލް 15): ސްރީ ލަންކާގެ ކޮލަމްބޯގައި ގެތަކެއްގެ މައްޗަށް ބޮޑު ކުނި ފުންޏެއް ފުރޮޅާލުމުގެ ސަބަބުން 16 މީހަކު މަރުވެއްޖެ އެވެ.

އެ ހާދިސާގައި 40 ގެއެއް ހަލާކުވެ، 11 އަހަރާއި 15 އަހަރާ ދެމެދުގެ ހަތަރު ކުޑަ ކުދިން މަރުވި އެވެ. އަދި އެކުނީގެ ދަށުގައި ގާތްގަނޑަށް 20 މީހުން ތާށިވެފައި ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމާޖެންސީ އޮފިޝަލުން ވިދާޅުވެ އެވެ.

އުސް މިނުގައި 91 މީޓަރު ހުރި އެ ކުނި ފުނި ފުރޮޅާލީ އޭގައި ރޯވިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެވެ. އެމާޖެންސީ އޮފިޝަލުން ވިދާޅުވި ގޮތުގައި ކުނި ފުނީގައި ރޯވުމުން ގިނަ އަދަދެއްގެ މީހުން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފަ އެވެ. އަދި އެމީހުން އެސަރަހައްދުގައި ތިބި ނަމަ މަރުވި މީހުންގެ އަދަދު އެއަށް ވުރެ އިތުރު ވާނެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ މީގެ ކުރިން އެ ކުނި ފުނި ސާފު ކުރުމަށް އެދިފަ އެވެ. އެހެންކަމުން، ދުވާލަކު 800 ޓަނުގެ ކުނި އަޅަމުން ދިޔަ އެ ކުނި ފުނި ސާފު ކުރުމަށް ލަންކާ ސަރުކާރުން ދިޔައީ ރާވަމުން ކަމަށް އޭއެފްޕީގައިވެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ލަންކާގެ އާ އަހަރު ފާހަގަ ކުރަމުން ދަނިކޮށެވެ. (ބީބީސީ)

comment ކޮމެންޓް