ފާތިމަތު ޝަފްނާ ކާމިޔާބުކޮށްދިން 2 ލަނޑާއެކު 3-0 ލަނޑުގެ ނަތީޖާއަކުން، ކްލަބު މޯލްޑިވްސް ކަޕްގެ، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި އުރީދޫ އިން ފެހިފަހި ބަލިކޮށްފިއެވެ.
ރޭގެ މެޗުގައި އުރީދޫގެ ފުރަތަމަ ލަނދު ޖަހައި އެޓީމުން މެޗުގެ ލީޑު ނެގީ ހަވަނަ މިނިޓްގައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝައުފާ މުހައްމަދެވެ. މެޗުގެ 25 ވަނަ މިނިޓްގައި އުރީދޫގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފާތިމަތު ޝަފްނާއެވެ.
އުރީދޫގެ ތިންވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ފާތިމަތު ޝަފްނާއެވެ. އެ ލަނޑު ޝަފްނާ ކާމިޔާބުކުރީ މެޗުގެ 34 ވަނަ މިނިޓްގައެވެ. ޝަފްނާ ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.
އުރީދޫއިން މި މުބާރާތުގައި ދެ މެޗު ކުޅެފައިވާއިރު އެޓީމު ވަނީ އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެފައެވެ. ފެހިފަހިން ތިން މެޗު ކުޅުނު އިރު ތިން މެޗުންވެސް ބަލިވެ އެޓީމަށް ވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމުގެ ފުރުޞަތު ގެއްލިފައެވެ.