މިދިޔަ އަހަރުގެ ކިންގްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައި، މި އަހަރުގެ ތަށި ދިފާއުކުރުމަށް ކުރި އުއްމީދުތަކަށް ނިމުން އަތުވެއްޖެ އެވެ.
ބޮޑެތި އުއްމީދުތަކާ އެކު މުބާރާތަށް ނިކުތް ނަމަވެސް، ފެށުން ދަށްވުމުގެ ސަބަބުން އާރްއާރްސީ އަށް ޖެހުނީ ގްރޫޕް ސްޓޭޖުގެ ކުޅުން ހުކުރު ދުވަހު ނިންމާލުމަށް ފަހު، ގްރޫޕް އޭގެ ފަހު މެޗުތަކުގެ ނަތީޖާ ނިކުންނާނެ ގޮތެއްގެ އިންތިޒާރުގައި ތިބޭށެވެ.
އެޓީމަށް ކުއާޓާ ފައިނަލުން ފުރުސަތެއް އޮތީ އޭދަފުށީގެ އެއިޓީފޯ އެފްސީ އަތުން އުތީމު އެފްސީ ބޮޑު ތަފާތަކުން ބަލިވެގެންނެވެ. ނަމަވެސް، ރޭ ކުޅުނު ގްރޫޕް އޭގެ ފަހު މެޗުތަކަށް ފަހު، އާރްއާރްސީ މުބާރާތުން ކަޓައި، އުތީމު އެފްސީ އާއި އެއިޓީފޯ އެފްސީ ވަނީ ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދާފައެވެ.
ރޭ ކުޅުނު ފޯރިގަދަ މެޗުގައި އުތީމުން ވަނީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން އެއިޓީފޯ ބަލިކޮށްފައެވެ. އެއިޓީފޯގެ އަހުމަދު ހުސާމް ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް، އުތީމުން މެޗު އަނބުރާލީ މުހައްމަދު މަޒީން، މުހައްމަދު މުއާދު އަދި މުހައްމަދު ރިޝްމީ ކާމިޔާބުކޮށްދިން ގޯލުތަކުންނެވެ.

ކިންގްސް ކަޕުގައި ރޭ އެއިޓީފޯ އާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ
މި މޮޅާއެކު އުތީމަށް ގްރޫޕުގެ ދެވަނަ ލިބުނުއިރު، އެއިޓީފޯ އެފްސީ ބަލިވި ނަމަވެސް، އެޓީމުން ބައިކޮޅަށް ވަން ގޯލުތައް މަދުވުމުގެ ސަބަބުން ގޯލުގެ ތަފާތުން ކުރި ހޯދައި، ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން ކުއާޓާގެ ފަހު ޖާގަ ކަށަވަރުކުރި އެވެ.
އެއިޓީފޯ އާއި އާރްއާރްސީ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، އާރްއާރްސީގެ ގޯލުގެ ތަފާތުގައި އޮތުމުން އެޓީމަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީއެވެ.
މި ގްރޫޕުގެ އެއްވަނަ ހޯދި ކްލަބް އެމޓީސީސީން ވަނީ ޓީމު އެޗްޕީއެސްއެން އަތުން 5-0 ގެ ބޮޑު މޮޅެއް ހޯދާފައެވެ. މި މެޗުގައި އެމްޓީސީސީއާ އަލަށް ގުޅުނު ބްރެޒިލްގެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިޔާ ނޭތަން ސޯރޭސް ވަނީ އޭނާގެ ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކައި، ހެޓްރިކެއް ހަދާފަ އެވެ.

ކިންގްސް ކަޕުގައި ރޭ އެމްޓީސީސީއާއި އެޗްޕީއެސްއެން ބައްދަލުކުރި މެޗުގައި އެމްޓީސީސީގެ ބްރެޒިލް ކުޅުންތެރިޔާ ސޯރޭސް-- ފޮޓޯ: ފޮޓޯ މާސްޓާ
އެމްޓީސީސީގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝިޔާހު (ޝިޔަޅޭ) އާއި އަލީ މާއިސް (މައްޓު) އެވެ. މި ނަތީޖާއާ އެކު އެމްޓީސީސީން ގްރޫޕް ސްޓޭޖު ނިންމާލީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާ އެކުގައެވެ. އުތީމަށް 6 ޕޮއިންޓް ލިބުނުއިރު، އެއިޓީފޯ އަށް ލިބުނީ 3 ޕޮއިންޓެވެ. އަދި ތިން މެޗުން ވެސް ބަލިވި އެޗްޕީއެސްއެން ދިޔައީ ގްރޫޕުގެ ފުލަށެވެ.
ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި، މިހާރު ވަނީ ކުއާޓާ ފައިނަލުގެ ހުރިހާ ޖާގަތަކެއް ކަށަވަރުވެފަ އެވެ. އެމްޓީސީސީ، އުތީމު އަދި އެއިޓީފޯގެ އިތުރުން ދެން ކުއާޓާ އިން ޖާގަ ހޯދި ޓީމުތަކަކީ އެސްޓީއޯ، ހޯކްސް، ކޯރާކޯރާ މޯލްޑިވްސް، ކޮންރެޑް މޯލްޑިވްސް އަދި ސްޓެލްކޯ އެވެ.

ކިންގްސް ކަޕުގައި އެމްޓީސީސީން ލަނޑު ޖެހުމަށްފަހު ޓީމުގެ ކުޅުންތެރިންނާއެކު-- ފޮޓޯ: ފޮޓޯ މާސްޓާ
މުބާރާތުގެ ފޯރިގަދަ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައި ވަނީ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް މެޗުތައް ޖޫން 12 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި އަހަރުގެ ކިންގްސް ކަޕްގެ ބޮޑު ފައިނަލް މެޗު ކުޅޭނީ ޖޫން 16 ވަނަ ދުވަހުގެރޭ އެވެ.