އުނޫޝާ ދެއްކި ވާހަކައާމެދު ހިތްހަމަ ނުޖެހިގެން އައްފާން ޝޯ ދޫކޮށް ހިނގައްޖެ!

އައިޑޮލްގެ މިރޭގެ ޝޯގައި ތިން ޖަޖުން ލަވައެއް ހުށަހަޅައިދެނީ----

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ ހަ ބައިވެރިން މިރޭ ހުށަހަޅައިދިން ލަވަތަކާއި، އެ ހުށަހެޅުންތަކާ މެދު ޝޯގެ ފަނޑިޔާރު މަރިޔަމް އުނޫޝާ (ކިޑީ) ދިން ކޮމެންޓުތަކަކާ މެދު ހިތްހަމަ ނުޖެހިގެން، ޝޯގެ ފަނޑިޔާރު އިސްމާއިލް އައްފާން މިރޭގެ ޝޯ ދޫކޮށް ނުކުމެގެން ހިނގައްޖެއެވެ.

"ދިވެހި ރާއްޖެ" ތީމުގެ ދަށުން، ރާއްޖޭގެ ހިތްގައިމުކަން ސިފަކޮށްދޭ ލަވަތަކެއް ބައިވެރިން މިރޭ ހުށަހަޅައިދިން އިރު، އެ ހުށަހެޅުންތަކަށް، ޝޯގެ ޖަޖުންގެ ފަރާތުން ގިނައިން އިވިގެން ދިޔައީ ނެގެޓިވް ކޮމެންޓުތަކެކެވެ.

ހަ ބައިވެރިންގެ ހުށަހެޅުމަށްފަހު، މިރޭގެ ހުރިހާ ޕަފޯމަންސްތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝޯގެ ޖަޖު ކިޑީ ބުނީ ހަ ބައިވެރިންނަކީ ވެސް ވަރަށް ގަދަ ބައެއް ކަމަށާއި އެ ހަ ބައިވެރިނަކީ މުޅި ރާއްޖެ "އިންސްޕަޔަރ" ކުރާ ހަ ބައިވެރިން ކަމަށެވެ. މީގެ އިތުރުންވެސް ކިޑީ ބުނީ ވަރަށް ގިނައިން "މިސްޓޭކްސް" ހެދޭނެ ކަމަށާއި އެ ކަމާ ދޭތެރޭ އެއްޗެކޭ ބުނަން ނެތް ކަމަށެވެ.

"މިސްޓޭކްސްވެސް ހެދޭނެ. އައި އޯލްސޯ ޑޫ ދިސް ލައިވް ޕަފޯމަންސްތަކުގައި. ޓަޔަޑުވެސް ވާނެ. ފެމިލީއާ ދުރުގައި ދޯ ތި އުޅެނީ. ވަރަށް ބައިވަރު އެއްޗެހި ދަސްވެސް ކުރަމުންދޯ ތިޔަ ދަނީ. ޓަޔަޑް ވީމަ ރެސްޓް ކުރާނީ. ގިވް އަޕް ނުކުރާތި. ވަރަށް ބައިވަރު މީހުން ލޯބިވޭ ތިކުދިން ދެކެ. ބޭނުންވަނީ ތި ހުރިހާ ކުދިން އިސް އުފުލައިގެން ހިނގާލާތަން ބަލަން،" ބައިވެރިންގެ ޕަފޯމަންސާ ގުޅޭގޮތުން އުނޫޝާ ބުންޏެވެ.

ކިޑީގެ ކޮމެންޓްތަކާ މެދު ހިތްހަމަ ނުޖެހި، ޖެއްސުމުގެ ރާގަކަށް އައްފާން ބުނީ އުނޫޝާ މިރޭ އެންމެންނަށް ތައުރީފު ކޮށްފައި ވާހަކަދެއްކުމަކީ "ވަރަށް ސަޅި ކަމެއް" ކަމަށެވެ.

"އަހަރެން ގައިމު އެމީހުންނަށް ތައުރީފެއް ނުކުރާނަން. ހަ ކުދިންނާ ހިސާބަށް އަންނަ އިރު މިއަށް ވުރެ މާ ސަޅިވާން ޖެހޭނެ. މިއަދު ނުޖެހޭނެ ސޮރީ ކިޔާފައި ސަޕޯޓިވް ވާކަށް. މިއަދު ޖެހޭނީ އެންމެން ކަހަލަ ގޮތަކަށް އިސް ޖަހައިގެން ދެރަވެފައި ތިބެން،" އައްފާން ރުޅިވެރި ގޮތަކަށް މިރޭ ބުންޏެވެ.

ބައިވެރިން ކިޔުމަށް ބޭނުން ލަވައެއް "ޗޫޒް" ކުރުމުގެ ފުރުސަތު ދޭކަން ފާހަގަ ކުރަމުން ޝޯގެ ތިންވަނަ ފަނޑިޔާރު އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) ބުނީ، ބައިވެިރން ނަގަން ޖެހޭނީ އެބައިވެރިއަކަށް ކިޔޭ ވަރުގެ ލަވައެއް ކަމަށެވެ.

"މިހާރު އެންކަރޭޖު ކޮށްލާފައި ނަސޭހަތް ދީ ހަދަން ބޭނުމެއް ނޫން،" އިއްބެ ބުންޏެވެ.

މިހިސާބުން އައްފާންގެ ރުޅި އިތުރަށް ގަދަވެ، ނަސޭހަތް ދީގެން މިކަން ރަނގަޅު ނުވާނެ ކަމަށް ބުނެ، އޭނާ ވަނީ ޝޯ ދޫކޮށް ނުކުމެފައެވެ.

"ރަނގަޅު ނުވެގެން ނަސޭހަތް ލައިދީގެން ސޮރީ ސޮރީ ކިޔައިގެން، ނޯ. އެހެނެއް ނުވާނެ މިކަމެއް ރަނގަޅެއް. އަހަރެން މިއަދުު ވަރަށް ވަރަށް ދެރަވެއްޖެ. ވަރަށް ރުޅި އައިސްފި،" އައްފާން ނުކުންނަމުން ބުންޏެވެ.

އައްފާން ރުޅިއައިސްގެން ނުކުމެގެން ދިއުމުން ކިޑީ ބުނީ އައްފާންގެ ނިންމުމަށް އޭނާ އިހުތިރާމް ކުރާ ކަމަށާއި، ނަމަވެސް އޭނާ ގަބޫލުކުރަނީ ބައިވެރިންނަށް ތައުރީފު ވެސް ކުރަންޖެހޭ ކަމަށެވެ.

"އައި ބިލީވް އިން ދެމް. އައި ނޯ ދޭ ވިލް ޑޫ ދެއާ ބެސްޓް. މިހާތަނަށް ދައްކައިފި، ރާއްޖޭގެ އެއްވެސް އާޓިސްޓަކު ނުކިޔާ ވަރަށް އެކުދިން ލަވަ ކިޔާ. ބަޓް އައްފާން ބިލީވް ކުރާ ގޮތް އެއީ. އެންކަރޭޖް އެއީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެއް،" އުނޫޝާ ބުންޏެވެ.

comment ކޮމެންޓް