ދެވަނަ ސިކުންތުގައި ޖަހަންފެށި ލަނޑުތަކާއެކު އެމްޕީއެލްއިން ސްޓެލްކޯ ބަލިކޮށްފި

ވިމެންސް ފުޓްސަލް ފިއެސްޓާގައި އިމިގްރޭޝަނާއި އެމްޕީއެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި އެމްޕީއެލްއިން ސްޓެލްކޯ ރެކްރީއޭޝަން މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯފައިފިއެވެ.

މިއަދު ހަވީރު 17:00ގައި މާފަންނު ވެލިދަނޑުގައި ކުޅުނު މެޗުގައި އެމްޕީއެލުން ވަނީ ސްޓެލްކޯ ކޮޅަށް ދިހަ ލަނޑު ޖަހައިފައެވެ.

މެޗު ފަށައިގެން އެންމެ ފުރަތަމަ ލަނޑު އެމްޕީއެލްއިން ކާމިޔާބުކުރީ މެޗުގެ ދެވަނަ ސިކުންތުގައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމްޕީއެލްގެ ޖާޒީ ނަންބަރު 10 އައިމިނަތު ޝާމިލާއެެވެ. ޝާމިލާވަނީ ފުރަތަމަ ގޯލްގެ އިތުރުންވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި އެމްޕީއެލްގެ ބިދޭސީ ކުޅުންތެރިއާ ސްރީރޯޖް ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ފާތިމަތު ސާލިޔާ ދެ ލަނޑު ކާމިޔާބުކުރިއިރު ފަރަހް އަހްމަދު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

އެމްޕީއެލްއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެޓީމު ވަނީ ދެމެޗުން މޮޅުވެ އެއް މެޗު އެއްވަރުވެފައެވެ. ސްޓެލްކޯ މި މުބާރަތުގައި ދެ މެޗު ކުޅެފައިވާއިރު އެ ދެމެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ.

comment ކޮމެންޓް