މިއަހަރުވެސް ޓީއެފްޖީން ކާމިޔާބުކަމާއެކު ލޯންގް ރަން ބާއްވައިފި

ކޮކާ-ކޯލާ ޓީއެފްޖީ ލޯންގް ރަން ގައި މިއަހަރު 800އަށް ވުރެ ގިނަ ބައިވެރީން ދުވި -- ފޮޓޯ: ޓީއެފްޖީ

ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ދުވުމުގެ އެއް ރޭސްކަމަށްވާ، ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަން މިއަހަރުވެސް ކާމިޔާބުކަމާއެކު ހުޅުމާލޭގައި މިއަދު ނިންމާލައިފިއެވެ.

ރޭ ދަންވަރު ފެށި މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލިއިރު 800 އެއްހާ ބައިވެރިން އެ ދުވުމުގައި ބައިވެރިވިއެވެ.

މި ދުވުމުގައި ދުނިޔޭގެ 125 ގައުމެއްގައި 300 އެއްހާ މެރެތަންގައި ބައިވެރިވެފައިވާ، އެމެރިކާގެ ބްރެއިޓް ވީނާ ބައިވެރިވެފައިވާއިރު، ރާއްޖޭގެ އެންމެ މަޝްހޫރު މެރެތަން ދުވުންތެރިއާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން)ގެ އިތުރުން ތަފާތު 18 ގައުމެއްގެ ދުވުންތެރީންވެސް ވަނީ ދުވެފައެވެ.

ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގެ ފުރަތަމަ ބައެއްގެ ގޮތުގައި ރޭ މެންދަމު 3:20ން ފެށިގެން ދުވެފައިވަނީ މެރެތަނެވެ. މެރެތަންގައި ބައިވެރިވި ދުވުންތެރިން ވަނީ ހުޅުމާލެ ވަށައި އަށް ބުރުން ޖަހާފައެވެ. ދެން ކުރިއަށްދިޔައީ 21 ކިލޯމީޓަރުގެ ހާފް މެރެތަން ރޭހެވެ. ދެން ކުރިއަށްދިޔައީ 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ރޭހެވެ.

ޓީއެފްޖީން މީގެ ކުރިންވެސް ކާމިޔާބު ރޭސް ތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ރޭހުގައި ދުވާ ހުރިހާ ދުވުން ތެރިންނަށްވެސް ޓީއެފްޖީގެ ފަރާތުން އަންނަނީ މެޑަލް ދެމުންނެވެ.

ކޮކާކޯލާ ލޯންގް ރަންއަކީ 2013 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ދުވުމެކެވެ. ފުރަތަމަ އަހަރު 10 ކިލޯ މީޓަރު ދުވުމެއް ކުރިއަށްގެންދިޔަ އިރު، ދެވަނަ އަހަރު ހާފް މެރަތަންގެ ދުވުން ތައާރަފްކޮށްފައިވެ އެވެ. އެއަށް ފަހު މެރަތަން ދުވުން ވެސް ތައާރަފްކޮށްފައިވެ އެވެ.

މި ފަހަރުގެ މުބާރަތުުގެ މެއިން ސްޕޮންސަރަކީ ކޮކާކޯލާ އެވެ. އިތުރު ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި، ސަމާސެޓް ހޮޓެލްސްއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި، ސޮނީ ސްޕޯޓްސްއާއި، މޯލްޑިވްސް ރެޑް ކްރެސެންޓާއި، ކޭއާރް ފޮޓޯގްރަފީ އަދި ޑީޖޭ އުމަރެވެ.

comment ކޮމެންޓް