ސައުދިއާ އިން މާލެ އާއި ޖިއްދާއާ ދެމެދު ކުރާ ސީދާ ދަތުރުތައް ފަށައިފި

ސައުދިއާއިން ރާއްޖެއަށް ކުރި ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފޮޓޯ/އަހްމަދު ޝަރުވާން

ސައުދީ އަރަބިއްޔާގެ ގައުމީ އެއަލައިން، ސައުދިއާއިން މާލެއާއި ޖިއްދާއާ ދެމެދު ކުރާ ސީދާ ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިނުން ރާއްޖެއާ ޖިއްދާއާ ދެމެދު ކުރާ ސީދާ ދަތުރުތައް ފެށީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. ޖިއްދާއަށް ސީދާ ދަތުރު ކުރަން ފަށާފައިވާއިރު އެ އެއާލައިނުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދާއި މާލެ ސީދާ ދަތުރުތަކުން ވަނީ ގުޅާލައިފައެވެ. އެ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. ސައުދިއާ އިން މާލެއާ ރިޔާޒާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރެ އެވެ.

މި ދަތުރުތަކާ އެކު ސައުދީ އަރަބިއްޔާއިން ރާއްޖެ އަންނަ އަރަބި ޓުއަރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ، ކުރިއަރަމުން އަންނަ ޓުއަރިޒަމް މާކެޓެކެވެ.

ދެހާސް ފަނަރަވަނަ އަހަރު ސައުދީން 15،700 އެއްހާ ފަތުރުވެރިން ރާއްޖެ އައި އިރު، އެ އަދަދު 2016 ވަނަ އަހަރު ވަނީ 39.5 ޕަސަންޓަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު ސައުދީއިން ގާތްގަނޑަކަށް 22،000 ފަތުރުވެރިން ރާއްޖެ އައި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޖިއްދާއާ މާލެއާ ދެމެދު ކުރާ ދަތުރުތައް އޮންނާނީ ކޮންމެ ބުދަ ދުވަހަކާއި ހޮނިހިރު ދުވަހަކު އެވެ. އަދި މާލެއާ ޖިއްދާއާ ދެމެދު ކުރާ ދަތުރުތައް އޮންނާނީ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.

comment ކޮމެންޓް