ވިކްޓަރީގެ ކީޕަރު އެޓީމުގެ ކޯޗު ސުޒޭން މާޔޫސް ކޮށްލައިފި

މާޗް 3، 2017: މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް ދެ ފަހަރެއްގެ މަތިން މެޗު ލަސްކުރަން މަސައްކަތް ކުރުމުން ވަރަށް ބޮޑަށް ލަދު ގަނެއްޖެ ކަމަށާއި ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ ފަރާތުން އެކަމަށް މާފަށް އެދޭ ކަަމަށް ވިކްޓަރީގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ވިކްޓަރީއާ ޓީސީ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާ އަކުން އެއްވަރުވިއިރު ދެޓީމުގެ ދެ ކޯޗުންވެސް ވަނީ މެޗުގައި ހިނގައިދިޔަ ބައެއް ކަންތައްތަކާ ގުޅޭގޮތުން ހިތްހަމަނުޖެހިގެން ވާހަކަ ދައްކައިފައެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ސުޒޭން ފުރަތަމަވެސް އެދުނީ މާފަށެވެ. އޭނާ ބުނީ ސަޕޯޓަރުން ދަނޑަށް ވަންނަނީ ރީތި ފުޓްބޯޅައެއް ބަލަން ކަމަށާއި ކީޕަރު އަމަލު ކުރި ގޮތުން ވަރަށް ބޮޑަށް "ލަދު" ގަނެއްޖެ ކަމަށެވެ. އަދި ބުނީ ގައުމީ ދަނޑަށް މީހުން ނުވަދެގެން އުޅޭ ދަނޑިވަޅެއްގައި މެޗު ލަސްކުރަން މަސައްކަތްކޮށް އިދިކޮޅުން ކުޅޭ ޓީމަށް ފުރުޞަތު ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

" އެންމެ ފުރަތަމަ އަޅުގަނޑު މާފަށް އެދެން ކުޅިބަލަން ވަޑައިގެން ހުރިހާ ބޭފުޅުންގެ ފަރާތުން. ކީޕަރު ދެ ފަހަރަށް މެޗު ލަސްކުރަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މުޅި ޓީމް ޕްރެޝަރަށް ދިޔައީ ކީޕަރު މެޗް ލަސްކުރީމަ،" ސުޒޭން ބުންޏެވެ.

ސުޒެން ބުނީ ކީޕަރުގެ ފަރާތުން ފެނުނު އަމަލުތަކުގެ ސަބަބުން އޭނާއާ ވާހަކަދައްކާނެ ކަމަށާއި އަދި ބަދަލުކުރަންޖެހޭ ހާލަތައް އައިއްސި ނަމަ ބަދަލުކުރާނެ ކަމަށެވެ.

" ބަދަލު ކުރަންޖެހިއްޖެއްޔާ ބަދަލު ކުރާނަން. މީގަ ޔަގީން އެއް ކަމަކީ އެއްވެސް ކުޅުންތެރިއަކު ވިކްޓަރީއަށް ވުރެ ބޮޑެއް ނުވާނެ،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ އޭނާގެ ދިގު ކެރިއަރުގައިވެސް މި މެޗަކީ އެންމެ މާޔޫސްވި މެޗު ކަމަށާއި މިކަހަލަ ކަންތައްތަކަކީ ވެގެން ވާނެ ކަންތައްތައް ނޫންކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް އެގޮތަށް މެޗު ލަސް ކުރުމާ ދެކޮޅު މީހެއްކަމަށާއި ކުޅިބަލާމީހުން ދަނޑަށް އަންނަނީ ރީތި ފުޓްބޯޅައެއް ބަލަން ކަމަށެވެ.

މާލޭ ލީގުގައި ރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި 2-1ގެ ލީޑެއް ވިކްޓަރީއަށް ދެވަނަ ހާފުގައި ލިބުނު ހިސާބުން އެޓީމުގެ ކީޕަރު ޔޫސުފް ވަނީ ދެ ފަހަރެއްގެ މަތިން އަނިޔާވެގެން ފަރުވާ ހޯދައިފައެވެ.

comment ކޮމެންޓް