ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރާނެ ކަމަށް ބެލެވޭ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް ފުލުހުންގެ ބަންދުގައި ހުއްޓައި ހައިކޯޓުން މިއަދު ވަނީ ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެމަނިކުފާނު ދޫކޮށްލާފައި ވަނީ ފުލުހުންގެ ބަންދުގައި ހުންނަތާ ހަ ދުވަސް ފަހުންނެވެ.
އެކަމާ ގުޅިގެން މިއަދު ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު ހިސާން ހުސައިން ވިދާޅުވީ ގާސިމް ޝަރިީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފާނެ ކަަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބެލެވޭ ގާސިމް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާނެ ކަމަށް. އެ ޝަރީއަތް ނިމޭނެ ދުވަހެއް މާތްﷲ ދެނެވޮޑިގެންވާނީ. އެހެންވެ އަޅުގަނޑުމެން އެއަށްކިޔަނީ ވާނުވާއޭ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އެގޮތަށް އެ ޖަހާ ބަނދުގެ ވާނުވާއެއް "ހަގީގަތުގައިވެސް ނޭނގޭ" ކަމަށެވެ.
ގާސިމް އިބްރާހިމް މިއަދު ހައިކޯޓުން ދޫކޮށްލުމަކީ އިންސާފުގެ މަގަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ.
ހައްޔަރުކޮށްފައި ހުރި ގާސިމް އިބްރާހިމް ދޫކޮށްލުމަށް ހައި ކޯޓުން ކުރި އަމުރާ ގުޅޭ ގޮތުން އެމަނިކުފާނުގެ ވަކީލުން ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދު ހައިކޯޓުން ދޫކޮށްލުމުން ނުކުމެވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުން ވެސް ފުލުހުންވެސް އަމަލުކުރީ ރަނގަޅަށް ކަމަށާއި ބަންދުކުރުމުގައި ގާނޫނާ ހިލާފުވެވުނީ "އޮޅުމަކުން" ކަަމަށް ގަބޫލު ކުރެވޭ ކަަމަށެވެ.
އެވާހަކަތަކާ ގުޅިގެން ހިސާން ވިދާޅުވީ "ގާސިމް އިބްރާހިމަކީ ހިތް ހެޔޮ" ބޭފުޅެއް ކަމަށާއި އެހެންކަމުން އެކަމަނިކުފާނު އެއްވެސް ފަރާތެއް ކުށްވެރިކޮށް ވާހަކަފުޅު ނުދެއްކެވުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫން ކަމަށެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތް ވެސް މާދަމާ 11:30 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.