ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގެންނެވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ސައުދު ހުސައިންގެ ޅިޔަނު ޝަޒައިލް ޝިޔާމް، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކޮށްފި އެވެ.
ސަބަބެއް ވިދާޅުވުމެއް ނެތި ޝަޒައިލް މަގާމުން ވަކިކުރެއްވިކަން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުހުތާޒު މިއަދު ވަނީ އޭނާއަށް އަންގާފަ އެވެ.
މެނޭޖުމަންޓު ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޝަޒައިލަކީ ކުއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަންގެ މަގާމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ދައުލަތަށް ހިދުމަތް ކުރަން ފެށީ 2002 ވަނަ އަހަރުން ފެށިގެންނެވެ.
ޝަޒައިލު "ސަން"އަށް ވިދާޅުވި ގޮތުގައި އޭނާ ދައުލަތަށް ހިދުމަތް ކުރަމުން ދިޔައީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގަ އެވެ.
"އަޅުގަނޑު ހިދުމަތް ކުރަމުން މި ދިޔައީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު. މަގާމުން އަޅުގަނޑު ވަކިކުރުމުން އެނގިގެންދަނީ ތެދުވެރިކަމާއި އަމާނާތްތެރިންނަށް ސަރުކާރުން ފުރުސަތު ނެތްކަން،" ޝަޒައިލު ވިދާޅުވި އެވެ.
ޝަޒައިލު ގެންދަވަނީ ޕީޕީއެމްގެ އިންތިހާބީ ކޮމެޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދުގެ ޅިޔަނު ޝަޒައިލު މަގާމުން ވަކިކޮށްފައި ވަނީ ސައުދުގެ އަރިސް ބޭފުޅެއް ކަމަށްވާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. ހަނީފު މަގާމުން ވަކިކުރީ ހައި ކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
މެމްބަރު ސައުދާއި ހަނީފާއި ޝަޒައިލާއި ފަނޑިޔާރު ސުޖާއު އުސްމާން ވެސް ނިސްބަތްވަނީ ގއ. ވިލިނގިއްޔަށެވެ.
ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުމުގައި، ވިލިނގިލި ވެސް ވަނީ 'ދެބައިވެފަ' އެވެ. އަށާރަ އަހަރުން މަތީގެ އާބާދީގެ ބޮޑު ބައި ޕީޕީއެމަށް ނިސްބަތްވާ ވިލިނގިލިއްޔަކީ ރައީސް މައުމޫންގެ މަންމާފުޅު އާއިލާ ނިސްބަތްވާ ރަށެވެ.
މެމްބަރު ސައުދު ރައީސް މައުމޫނަށް ތާއިދު ކުރައްވަން ނިންމެވުމާއެކު ރައީސް ޔާމީނަށް ތާއިދު ކުރާ ޕީޕީއެމްގެ ސަޕޯޓަރުންނާއި ރައީސް މައުމޫންގެ ސަޕޯޓަރުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށް، ސިޔާސީ ވާދަވެރިކަން އެ ރަށުގައި ވަނީ ބޮޑުވެފަ އެވެ.