ސަރުކާރާ ދެކޮޅަށް ގާސިމް ކުރައްވާ މަސައްކަތް ހުއްޓާލުމަށް ފެންފުށިން ގޮވާލައިފި

ފެންފުށީގައި މިމަހު 10 ވަނަ ދުވަހު ކުރި މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހީމް ސަރުކާރާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ފެންފުށީ ކައުންސިލުން ގޮވާލައިފި އެވެ.

ފެންފުށީ ކައުންސިލުން އިއްޔެ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ގާސިމް އިބްރާހީމް މީގެ ކުރިން ވެސް ސަރުކާރުތަކާ ދެކޮޅަށް ކުރައްވަމުންދާ މަސައްކަތުގެ ސަބަބުން ފެންފުށީގެ ތަރައްގީ އަށާއި ކުރިއެރުމަށް ދަނީ ހުރަސް އެޅެމުން ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ހުއްޓާލަން ފެންފުށީ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ގޮވާލާ ކަމަށެވެ.

ގާސިމަކީ ފެންފުށި ވެސް ހިމެނޭ ގޮތަށް މާމިގިލީ ދާއިރާ ތަމްސީލު ކުރައްވާ، އެ ދާއިރާގެ މެންބަރެވެ.

އެ ބަޔާނުގައި ބުނީ ފެންފުށީ ރައްޔިތުން ތިބީ ސަރުކާރާ އެކުގައި ކަމަށެވެ. އަދި ސަރުކާރުން ފެންފުއްޓާއި ރާއްޖޭގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި އެ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އޮތްކަމަށް ވެސް ފެންފުށީ ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، މިމަހު 10 ވަނަ ދުވަހު ގާސިމް އިބްރާހީމް އަށް ތާއީދުކޮށް ފެންފުށީގައި ބޭއްވި މުޒާހަރާއަކީ ވެސް އދ. މާމިގިލި ރައްޔިތުންގެ ތެރެއިން ބަޔަކު ފެންފުށީގެ މަދު ބަޔަކާ ގުޅިގެން ފެއްފުއްޓަށް ގޮސް އެ ރަށުގައި ކުރި މުޒާހަރާއެއް ކަމަށެވެ. އަދި އެ މުޒާހަރާގައި ފެންފުށީގެ ރައްޔިތުންގެ ތެރެއިން ބައިވެރިވީ ވެސް ގާތްގަނޑަކަށް 50 މީހުން ކަމަށާއި ފެންފުށީގެ އާބާދީއަކީ 1040 މީހުން ކަމަށެވެ.

"އޭގެ ތެރޭގައި ގިނައިން ހިމެނެނީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ރިސޯޓްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައިގެން ނެރެފައިވާ މީހުންނެވެ. އަދި މުޒާހަރާގެ ހަބަރުތައް ވިލާ ޓީވީ އިން ގެނެސްދީފައި ވަނީ ވަރަށް ބޮޑަށް އޮޅުވާލައިގެންނެވެ،" ފެންފުށީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނީ ފެންފުށީގެ އާބާދީން 50 ވަރަކަށް މީހުން ނިކުތުމަކީ އެރަށު "ރައްޔިތުން ބައިވެރިވުން ނޫން" ކަމަށާއި އެ މުޒާހަރާއަކީ ފެންފުށީ ރައްޔިތުންގެ ނުކުމެ ކުރި މުޒާހަރާއެއްކަން ދޭހަވާ ގޮތަށް ވިލާ ޓީވީ އިން ހަބަރު ގެނެސްފައިވާތީ އެކަން ވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

comment ކޮމެންޓް