ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސް ބާއްވާ ތާރީޚު އަވަސްކޮށްފިއެވެ.
ޕީއެންސީން އެ ޕާޓީގެ ކޮންގްރެސް އެންމެ ފުރަތަމަ ބާއްވަން ނިންމީ އަންނަ އޮކްޓޯބަރު މަހެވެ. އެކަމަކު އެ ޕާޓީން ރޭ ބޭއްވި ބައްދަލުވުމެއްގައި ވަނީ ތާރީޚް އަވަސްކުރަން ނިންމައިފައެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު 'އެކްސް'ގައި ރޭ ކުރެއްވި ޕޯސްޓެއްގައިވަނީ، އެ ޕާޓީގެ މެންބަރުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވުމެއް ހުށަހެޅުއްވި ކަމަށެވެ.
އެއީ ސީދާ ކޮން ހުށަހެޅުމެއް ކަން ޝުޖާޢު ހާމަނުކުރެއްވި ނަމަވެސް، އެނގިފައިވާ ގޮތުގައި އެއީ ޕީއެންސީގެ ކޮންގްރެސް އަވަސްކުރުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.
އެ ހުށަހެޅުއްވުން، ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށް، ޝުޖާޢުގެ ޕޯސްޓުގައިވެއެވެ.
"މިޕާޓީގެ މެމްބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ކައިރި ކައިރީގައި ބާއްވާނެ، މުޅި ޕާޓީ މިދަނީ ޕާޓީގެ މަތީ މަޖިލިހަށް (ކޮންގްރެސްއަށް) ވަރަށް ފުރިހަމައަށް ތައްޔާރުވަމުން، އިންޝާ الله،" އޭނާ ލިޔުއްވައިފައިވެއެވެ.
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައީސެވެ.
އެ ޕާޓީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް 'ސަން'އަށް މިއަދު ވިދާޅުވީ، ކޮންގްރެސް ބާއްވާނެ ސީދާ ތާރީޚެއް އެ ޕާޓީން ފަހުން ހާމަކުރާނެ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.