ރައުދާގެ އަނގައިން ސޮނި ފައިބައި، ހެދުމާއި ސްކާފުގައި ހުރި: ފުލުހުން

ރައުދާ އާތިފް ---

ބަންގާޅުގައި "ދަންޖެހި" މަރުވެފައި ހުއްޓާ ފެނުނު ދިވެހި ދަރިވަރު ރައުދާ އާތިފްގެ އަނގައިން ފައިބައިފައި ހުރި ސޮނި، އޭނާގެ ހެދުމާއި އޭނާ ދަންޖެހުމަށް ބޭނުން ކުރި ކަމަށް ބުނާ ސްކާފުން ފެނިފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ރައުދާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ގޮތް ބެލުމަށް ބަންގާޅަށް ދިޔަ ޗީފް ސްޕަރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ، ރައުދާގެ ކޮޓަރީގެ ފަންކާގައި އައްސާފައި ހުރި ފޮތިގަނޑަކީ ދެ ސްކާފު ގޮށް ޖަހައިގެން ގުޅުވާފައި އޮތް ފޮތިގަނޑެއް ކަމަށެވެ.

"ސްކާފުގައި މެޓަލް ބޯޅަތަކެއް ކަހަލަ އެއްޗެހި ގުޅިފައި ހުރި. ދެ ސްކާފް ގުޅުވާފައި ހުރި އިރު ބައެއް ގޮތްގޮށްތަކުގެ ތެރޭގައި މެޓަލް ބޯލްސް ހުރި. އަދި ހަރުކޮށް ނައިލޯނު ގޮތަށް ހުރި ވާތަކެއްވެސް ސްކާފެއްގައި ހުރި. އެ އެއްކޮށް އުޅައި ބަނދެފައި ހުރުމުން ދޮޅު އިންޗީގެ ވަރަށް ހާޑު މެޓީރިއަލެއް ގޮތަށް ބެލެވޭ ބައެއް އުފެދިފައި ވޭ،"

ރިޔާޒް ވިދާޅުވީ ރައުދާގެ ހަށިގަނޑުގެ ފޮޓޯތައް ބެލި އިރު، ރައުދާގެ ކަރުގައި ހުރި ލައިގޭޝަން މާކްސްއަށް ބަލާއިރު، ޑިޕްރެޝަން ޕޮއިންޓްސް ގޮތުގައި ވާތް ފަރާތުން ފާހަގަކުރެވެނީ ފޮތިގަނޑުގައި ހަރުކޮށް އޮތް ބައި ޖެހުމުގެ ސަބަބުން އަޑިވެފައި ހުރި ތަނަކަށް ވެދާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރައުދާގެ ކޮޓަރިއަށް އޭނާގެ ރަހުމަތްތެރިން ވަދެ، އޭނާގެ ހަށިގަނޑު ތިރިކުރީ ފަންކާގައި އައްސާފައި ހުރި ވާގަނޑު ކަނޑާލައިގެންކަން އެނގޭ ކަމަށެވެ.

ދަންޖެހޭ މީހެއްގެ އަނގައިން ފޮނި ނުވަތަ ސޮނި ފައިބާކަން ފާހަގަ ކުރަމުން ރިޔާޒް ވިދާޅުވީ، ރައުދާގެ އަނގައިން ފައިބައި، ހިކިފައި ނުވަތަ ހަރުވެފައި ހުރި ސޮނި އޭނާ ލައިގެން ހުރި ހެދުމުން އަދި ސްކާފުން ވެސް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޔާޒް ވިދާޅުވީ އާންމުކޮށް ބަންގާޅުގައި އޮޓޮޕްސީ ހަދަނީ އެންމެ ޑޮކްޓަރެއް ކަމަށާއި، ނަމަވެސް ރައުދާގެ މައްސަލަ ސީރިއަސްވުމުގެ ސަބަބުން އޭނާގެ އޮޓޮޕްސީ ހެދީ ތިން ކޮލެޖަކުން ޑޮކްޓަރުން ބައިވެރިވި ޓީމަކުން ކަމަށެވެ.

އެ ޓީމަށް ލިބުނު މައުލޫމާތުތައް ދިވެހި ފުލުހުންނާ ހިއްސާ ކުރި ކަމަށާއި، އެ ޓީމުން ދިން މައުލޫމާތުތައް ފުލުހުން ވަނީ ޑޮކްޓަރުންގެ އެހެން ޓީމަކާ ހިއްސާކޮށް، އެފަރާތުނެ ފަންނީ ލަފާވެސް ހޯދާފައި ކަމަށެވެ.

"މި މައުލޫމާތާ އެކު އިތުރު ޑޮކްޓަރުންގެ ޓީމަކާ ބައްދަލުކުރިން. އެބޭފުޅުންނާ ވެސް ވާހަކަ ދައްކައިގހެން މެނުއަލް ސްޓްރެންގިއުލޭޝަނުގެ ތުހުމަތު ކުރެވޭނީ އެބޭފުޅުންގެ ވެސް ފަންނީ ލަފާ ހޯދިން،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ރައުދާގެ ޕޯސްޓްމޯޓަމް ހެދުމުގެ ކުރިން ނަގާފައިވާ އޭނާގެ ހަށިގަނޑުގެ ފޮޓޯތައް ބަންގާޅުގެ ކަމާ ބެހޭ އިދާރާތަކުން ދިވެހި ފުލުހުންނަށް ދިން ކަމަށާއި، އެ ފޮޓޯތައް ދިވެހި ޑޮކްޓަރުންގެ ޓީމަކާ ވެސް ހިއްސާކޮށް، އެބޭފުޅުންގެ ރައުޔުވެސް ހޯދާފައިވާ ކަމަށެވެ.

comment ކޮމެންޓް