ރައުދާ ދިރިހުއްޓައި އެންމެ ފަހުން ފެނިފައިވަނީ ދިވެހި ދަރިވަރަކަށް: ފުލުހުން

ވިލު ނޫކުލައިގެ ދެ ލޮލުގެ ވެރިޔާ ރައުދާ އާތިފް --

ބަންގްލަދޭޝްގެ ރާޖްޝަހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި ތައުލީމު ހާސިލުކުރަމުން ދިޔަ އުމުރުން 20 އަހަރުގެ ދިވެހި ދަރިވަރު ރައުދާ އާތިފް އެންމެ ފަހުން ދިރިހުއްޓާ ފެނިފައިވަނީ އެ ކޮލެޖުގައި ކިޔަވާ ދިވެހި ދަރިވަރަކަށް ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

މާޗު 29 ވަނަ ދުވަހު އެ ކޮލެޖުގައި ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ރައުދާގެ މަރުގެ މައްސަލައާ ގުޅިގެން ރާއްޖެއިން ބަންގާޅަށް ދިޔަ ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑު، ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.

މީގެ ކުރިން އަޑު ފެތުރިފައިވާ ގޮތުން ރައުދާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ، ރައުދާގެ ރަހުމަތްތެރިޔާ ސީރަތު ޕަރުވީން މުހައްމަދަށެވެ.

ނަމަވެސް ޗީފް ސުޕަރިންޓެންޑެންޓް ރިޔާޒް ވިދާޅުވީ، ރައުދާ އެންމެ ފަހުން ދިރިހުއްޓާ ފެނިފައިވަނީ ދިވެހި ދަރިވަރަކަށް ކަމަށެވެ.

"28 ވަނަ ދުވަހުގެ ރޭ ރައުދާ ޑޮކްޓަރަށް ދައްކާފައި ގޮސް ކޮޓަރިއަށް އައި ގަޑީގައި ކޮޓަރިއަށް ވަންނަނިކޮށް ދިވެހި ދަރިވަރަކަށް އޭނާ ފެނިފައިވާކަން ފާހަގަވޭ. މުޅި އިންކުއަރީގެ ހުރިހާ މައުލޫމާތެއްގެ އަލީގައި، ރައުދާ އާތިފް ދިރިހުއްޓާ އެންމެ ފަހުން ދެނުނީ ދިވެހި ކުއްޖަކަށްކަން ފާހަގަކުރެވޭ،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ރައުދާގެ މަރުގެ މައްސަލައިގައި ބަލައި ފާސްކުރަން ބޭނުންވި ކޮންމެ ތަނެއް ބެލުމަށާއި، ބަލަން ބޭނުންވި ކޮންމެ ލިޔުމެއް ބެލުމަށް އަދި ސުވާލު ކުރަން ބޭނުންވި ކޮންމެ ފަރާތަކާ ސުވާލުކުރުމުގެ ފުުރުސަތު ބަންގާޅު ފުލުހުން ދިވެހި ފުލުހުންނަށް ދިން ކަމަށެވެ.

އެގޮތުގެ މަތިން، އައިބީއެމްސީއާރުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ތަފްސީލުކޮށް ފުލުހުން ވާހަކަދައްކާފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ރައުދާ ކޮލެޖުގެ ހޮސްޓެލްގައި އުޅުނު ކޮޓަރީގެ ދެފަރާތުގައި ހުރި ދެ ކޮޓަރީގައި ދިރިއުޅެނީ ދިވެހި ދަރިވަރުންނެވެ.

"އޭގެ ތެރެއިން އެއް ފަރާތުގައި ހުރި ރޫމުގެ ކުއްޖެއް ކައިރިއަށް 28 ވަނަ ދުވަހުގެ ރޭ ރައުދާ އާތިފް އައިސް، އެކުއްޖާގެ ލެޕްޓޮޕް ބޭނުމެއް ކޮށްލުމަށް ގެންދިއަ ކަމާއި އަނބުރައި ލެޕްޓޮޕް ގެނައިކަން އެކުއްޖާގެ ފަރާތުން މައުލޫމާތު ލިބުނު،" ރިޔާޒް ވިދާޅުވިއެވެ.

ސީރަތުވެސް ހޮސްޕިޓަލަށް ދިޔަ، އަވަހަށް އެނބުރި އައި

މާޗު 28 ވަނަ ދުވަހުގެ ރޭ ރައުދާ ހޮސްޕިޓަލަށް ދިޔަ އިރު އޭނާގެ ކަޝްމީރީ ރަހުމަތްތެރިޔާ ސީރަތު ޕަރުވީންވެސް ހޮސްޕިޓަލަށް ދިޔަ ކަމަށް ފާހަގަވެފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"ސީރަތުވެސް ރައުދާ އާތިފްގެ ފަހަތުން ހޮސްޕިޓަލަށް ދިޔަ. އެކަމަކު އެ ދެމީހުން ދިޔައީ އެކުގައެއް ނޫން. އަދި އެ ދެ މީހުން ހޮސްޕިޓަލުން ބައްދަލުވި. ނަމަވެސް ރައުދާއަށް ވުރެ ކުރިން ސީރަތު ހޮސްޕިޓަލުން އައިކަމާއި، ކުދިން ބެލުމާ ހަވާލުވެ ތިބި މީހުން ކައިރީ މަޑުކޮށްގެން ހުއްޓާ ރައުދާވެސް އައިސް އެތެރެއަށް ވަތްކަން، އަދި އެއަށްފަހު ސީރަތުވެސް ވަތްކަން [އެނގޭ]."

"މި ސީކުއެންސް އެއްކޮށް އަޅާ ކިޔާ ބަލާއިރު، ފާހަގަ ކުރެވުނީ ރައުދާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ ދިވެހި ދަރިވަރަކަށްކަން،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އައިބީއެމްސީއާރުގެ ހޮސްޕިޓަލާއި، ކޮލެޖު އަދި ހޮސްޓެލް ހުންނަނީ އެއް ކޮމްޕްލެކްސްއެއްގެ ތެރޭގައި ކަމަށާއި، އެތަނުގައި ހުންނަނީ އެއް މެއިން އެންޓްރަންސެއް ކަމަށެވެ.

"މިއިން ކޮންމެ ތަނަކީވެސް އެއްތަނާ އަނެއް ތަނުން ފެންނަހާ ގާތުގައި ހުރި، އާދައިގެ ހިނގުމެއްގައި ދާ އިރު މިނިޓެއްހާ ހިސާބުން ދެވޭ ތަންތަންކަން އެނގުނު. އަދި ކޮލެޖުގެ މެއިން އެންޓްރަންސްގައި ސެކިއުރިޓީ ޕޯސްޓެއް ހުންނަ ކަމާއި 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ކަމާއި، އަދި ގާލްސް ހޮސްޓެލްއަކީ ވަކިނ ވަދެވޭ އަދި ބަންދުކުރެވޭ ގޮތަށް، ސެކިއުރިޓީ ޕޯސްޓެއް ލާފައި 24 ގަޑިއިރު ސެކިއުރިޓީ ޕޯސްޓެއް ކަން ފަހަގަކުރެވުނު،" ރިޔާޒް ވިދާޅުވިއެވެ.

ފުޓޭޖު ޑިލީޓުކުރި ތުހުމަތުގައި އަސާސެއް ނެތް

މި މަންޒަރު ފެންނާނެ ސީސީޓީވީ ކެމެރާގެ ފުޓޭޖު ކޮލެޖުގައި ނެތްކަމަށް ރައުދާގެ އާއިލާއިން މީގެ ކުރިން "ސަން"އަށް ބުނެފައިވެއެވެ. ސީސީޓީވީ ފުޓޭޖުގެ މައްސަލައިގައި ރިޔާޒް ވިދާޅުވީ އެ ސިސްޓަމުގެ މެއިން ސާވާގެ ބެކަޕު ނަގައިގެން ދިވެހި ފުލުހުންވެސް ބެލި ކަމަށާއި، ފާހަގަވީ މިއަހަރުގެ ފެބްރުއަރީ 25އިން ފެށިގެން ކޮލެޖުގެ ގިނަ ކެމެރާތައް މަސައްކަތް ނުކުރާތީ ފުޓޭޖު ރިކޯޑުވެފައި ނުވާކަން ކަމަށެވެ.

އަދި ބެކަޕް ސިސްޓަމް މެއިންޓެނަންސް ހަދާ މީހުންގެ ފަރާތުން އެނގުނު ގޮތުގައި، ކެމެރާތަކާއި ސިސްޓަމްތައް މެއިންޓެއިން ކޮށްފައި ނުވާތީ އެ މުއްދަތުގެ ފުޓޭޖު ރިކޯޑު ނުވާކަން އެނގުނު ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"ބެލި ބެލުމުން، މި މައްސަލއާ ގުޅިގެން ހަމަ އެ ދުވަހުގެ ރިކޯޑިންގް ޑިލީޓުކޮށް، ނުވަތަ އެ ދެ ދުޔވަހުގެ ރިކޯޑިންގް ނެތީ ނޫން ކަމަށް ފާހަގަ ކުރެވޭ. މި އެލެގޭޝަނަކީ ހަރުދަނާ އަސާސެއް އޮތް އެލެގޭޝަނެއް ކަމަކަށް އަޅުގަނޑުމެންނަށް ނުބެލެވޭ،" ރިޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް