މައުމޫނު އާއިލާއިން ދެކޮޅުން "ފަރިއްކުޅުވީމާ" އެކަން ގަބޫލެއް ނުކުރެވޭ: އަލީ ވަހީދު

އަލީ ވަހީދު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ސަންފައިލް ފޮޓޯ

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އާއިލާއިން "ދެކޮޅުން ފަރިއްކުޅުވީމާ" އެކަން ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން ހަތަރު ޕާޓީއަކުން ހަދާފައިވާ ކޯލިޝަނަށް މީގެ ކުރިން ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވާ އަލީ ވަހީދު ރޭ ވަނީ ރައީސް މައުމޫނަށް ފާޑު ވިދާޅުވެ ގިނަ ޓުވީޓްތަކެއް ކުރައްވައިފަ އެވެ.

މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި އަލީ ވަހީދުގެ ކަންބޮޑުވުމަކީ ރައީސް މައުމޫނުގެ އާއިލާގެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވުމެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީނަކީ ރައީސް މައުމޫނު ދެއްކެވި ކެންޑިޑޭޓެއް ކަމަށާއި، "އާއިލާ ދެކޮޅަށް ބަހައިގެން ނުހުރެ" ގޯސް ރަނގަޅު ކުރައްވަން ޖެހޭ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ހުރިހާ ލީޑަރުން ޖަލަށް ލާފައިވާކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވެފައި ވަނީ މިހާރު މިނިވަންކޮށް ހުރި ހަމައެކަނި ކެންޑިޑޭޓަކީ ރައީސް މައުމޫނު ކަމަށާއި އެމަނިކުފާނު ގައުމަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ރައީސް މައުމޫނު މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާގަ އެވެ.

"އެންމެން އަނިޔާ ތަހައްމަލް ކުރާ އިރު ގައްޔޫމު އާއިލާއިން ދެކޮޅުން ފަރިއްކުޅުވީމާ އަޅުގަނޑަށް އެކަން ގަބޫލެއް ނުކުރެވޭ ހިޔާލަކީ ތަފާތު އެއްޗެއް،" އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އުމުރުން 67 އަހަރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުޑަގޮޅީގައި ބާއްވާފައި ވަޒީރުކަމުގައި "ގައްޔޫމުން ތިބީމާ ނޭޝަން ފަސްޓްއެއް ނުވޭ" ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އުމުރު ދުވަހު ރާއްޖޭން ބޭރުގައި އުޅެން ޖެހުނަށް ރައީސް ޔާމީނަށް އަމާން ނުދޭނެ ކަމަށާއި، އެމްޑީޕީ މީހުން ރައީސް މައުމޫނަށް ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އަދި ޣައްސާން މައުމޫނަކީ ސަރުކާރުގެ ސްޓޭޓް މިނިސްޓްރުންނެވެ. އެހެންނަމަވެސް ޔުމްނާ މައުމޫނު އަދި ފާރިސް މައުމޫނު ދަނީ އިދިކޮޅު ކޯލިޝަނާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް