ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް އިންޒާރުދިން ކަމަށް ބުނެ ދައުވާ އުފުލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޅ. ހިންނަވަރު ނައިލޯނުގޭ އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
އެ މައްސަލައިގެ އަޑު އެހުން މިއަދު މެންދުރުފަހު 2:30 އަށް ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައެއް ނުވެ އެވެ.
ޝުމްބާގެ މައްސަލަ އެންމެ ފަހުން ބާއްވާފައިވަނީ، މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު އެވެ. އެދުވަހު އަޑުއެހުން ބޭއްވީ އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސްފަހުންނެވެ.
އެ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެކީންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ނަގާފަ އެވެ.
ރާއްޖެއިން ބޭރުގައި ހުރުމުން އެދުވަހު ވަނީ ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ދެ މީހަކު ކޯޓަށް ހާޒިރުކުރެވޭގޮތް ނުވެފައެވެ.
ގާޒީ އެދުވަހު ވަނީ، އެ ދެހެކިން ކޯޓަށް ހާޒިރުކުރުމަށް ހަފްތާއެއްގެ މުއްދަތު ދީފަ އެވެ.
އެ ދުވަހު ހެކިބަސްދިން ދެ މީހުން ވެސް ބުނެފައި ވަނީ ޝުމްބާ ގޮންގު ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކީ، އަހްމަދު އަޝްރަފްގެ ޓްވިޓާ އެކައުންޓުކަން އެ ދެ މީހުންނަށް ޔަގީންވާ ކަމަށެވެ. އަދި އެ އެކައުންޓުން ޒާހިދު މަރާލާނެ ކަމަށް ބުނެ ޓްވީޓެއް ކުރުމަށްފަހު ޝުމްބާ އެ ޓްވީޓް ޑިލީޓްކޮށްލާފައިވާ ކަމަށް ވެސް ހެކިބަސް ދިން މީހަކު ބުންޏެވެ.
އޭގެ އިތުރުން "ޕީޕީއެމް ސޯޝަލް މީޑިއާ" ގެ ނަމުގައި ހަދާފައިވާ ވައިބާ ގްރޫޕްގައި ޒާހިދަށް ޝުމްބާ މަރުގެ އިންޒާރުދީފައިވާ ކަމަށް ހެކިބަސްދިން ދެ މީހުން ވަނީ ބުނެފައެވެ.
އެ ދުވަހުގެ އަޑުއެހުމުގައި، ޝުމްބާ ޖަލު ބަންދުގައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާތީ ބަންދަށް ލުޔެއް ދިނުމަށް އެދިލެއްވުމުން، ގާޒީ ވަނީ ޝުމްބާ ގޭބަންދަށް ބަދަލުކުރައްވާފަ އެވެ. ގޭބަންދަށް ބަދަލު ކުރުމާ ހަމައަށް ޝުމްބާ ބަހައްޓާފައިވަނީ މާފުށީ ޖަލުގަ އެވެ.
ޝުމްބާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލާފައި ވަނީ 2015 އަހަރުގެ އޮކްޓޯބަރު މަހުގެ ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި މޮބައިލް ނަންބަރުތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ޒާހިދު ގެ ފުރާނައަށާއި މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެއެވެ.