ޒައިދުގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި

22 ފެބްރުއަރީ 2017: ޒައިދު ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލޭ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި އެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންގޮސް މިއަދު އިތުރުކޮށްފައިވާ އިރު، މިއީ ޒައިދުގެ ބަންދުގެ މުއްދަތު އިތުރު އަށް ވަނަ ފަހަރެވެ.

ޒައިދު ހައްޔަރުކޮށްފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

ބްލެކް މެއިލް ކުރިކަމުގެ ތުހުމަތުގެ އިތުރުން ދެން ޒައިދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ދައުލަތުގެ އިސްވެރިންތަކެއްގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދައި ހާމަކުރުމުގެ ތުހުމަތެވެ.

މީގެކުރިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދުގައި ހުއްޓައި ޒައިދު ގޭބަންދަށް ބަދަލުކޮށްފައެވެ. އަދި އެއަށްފަހު އެ މުއްދަތު ހަމަވުމުން އަނެއްކާވެސް ކޯޓަށް ގެންދިޔުމުން ފުލުހުންގެ ބަންދުގައި ބަހައްޓަން އަމުރުކުރިއެވެ.

ފުލުހުންގެ ބަންދަށް ބަދަލުކުރުމުން ޒައިދު މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ބްލެކްމެއިލްކުރީ ކާކުކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއިން އެއްވެސް އެއްޗަކުން އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.

ޒައިދަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއިދުކުރައްވާ ބޭފުޅެކެވެ. ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ވަކިކޮށްފައެވެ.

comment ކޮމެންޓް