ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް އެ ކޮލެޖުގެ ބާނީ، ވިލާ ގްރޫޕުގެ ފައުންޑާ އަދި ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާގައި، ގާސިމްގެ މެސެޖު އިއްވަމުން އޭނާގެ ދަރިކަނބަލުން ސަނާ ގާސިމް ވިދާޅުވީ، މާ ދިގު އިންތިޒާރުތަކެއް ނުކޮށް، ވަރަށް އަވަހަށް އެ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
"އެކަމަށްޓަކައި ވިލާ ކޮލެޖުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަނީ ކުރެވިފައެވެ. ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލު ކުރަން ބޭނުންވާ މިންގަނޑުތަކަށް ފެތޭތޯ މިހާރު ވަނީ ބެލިފައެވެ. އެހެން ކަމުން ދެން މާ ދިގު އިންތިޒާރެއް ކުރަން ނުޖެހި ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލު ކުރެވިދާނެ ކަމުގެ އުއްމީދު ވެސް ވަރަށް ބޮޑެވެ،" ގާސިމްއާ ހަވާލާދީ ސަނާ ވިދާޅުވިއެވެ.
ގާސިމްގެ މެސެޖުގައި އޭނާ ވިދާޅުވީ އެ ކޮލެޖު ބައިނަލްއަގުވާމީ ފެންވަރަށް މަޑުމަޑުން ފުޅާވަމުން އަންނަ ކަމަށެވެ. އެގޮތުން އެ ކޮލެޖުގައި ކިޔަވަން ބޭރުގެ ދަރިވަރުން ވެސް އަންނަމުންދާ ކަމަށާއި، އެކަމުން ދޭހަވެގެން ދަނީ ކޮލެޖުގައި ތައުލީމު އުނގަންނައި ދޭ ފެންވަރު ރަނގަޅުވުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ތައުލީމީ ޚިދުމަތް ދެމުން ދަނީ މީހެއްގެ ފަރާތުން ލިބޭނެ ޝަރަފުވެރި ބަހެއް ހޯދުމަކަށް ނޫނެވެ. އެ ޚިދުމަތް ދެމުން އަންނަނީ، ޒުވާން އުމުރުގައި އޭނާ އަށް އެ ފުރުސަތު ނުލިބުމުން، އެ ފުރުސަތު ގައުމު ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ޒުވާނުންނަށް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ.
މީގެ އިތުރުން، އެ ކޮލެޖުގެ ކުރިއެރުމަކީ ކޮލެޖުގެ ދަރިވަރުންގެ ބުރަ މަސައްކަތާއި ހިތްމަތުން ލިބޭ އެއްޗެއްކަން ވެސް ގާސިމްގެ މެސެޖްގައި ފާހަގަކުރައްވާފައި ވެއެވެ.