ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖުން ހިންގާ ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމުގައި ބައިވެރިވާން ފުރުސަތެއް

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން -- ފޮޓޯ/ ވިލާ ކޮލެޖު

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖުން ހިންގާ ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ދެ ފަރާތުން މިހާރު ވަނީ ސޮއިކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން އޮޕަރޭޝަންސްގެ އަށްވަނަ ބެޗާއި ކަލިނަރީގެ ތިންވަނަ ބެޗުގެ ކިޔެވުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު ފެށޭނެއެވެ. މިއީ ޒުވާނުންނަށް ހޮސްޕިޓާލިޓީ ދާއިރާއިން ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހުރިހާ ޚަރަދެއް ޔުނިވާސަލް ފައުންޑޭޝަނުން ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.

  • ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖުން އެމްއޯޔޫއެއްގައި ސޮއިކުރުން.
  • އޮޕަރޭޝަންސްގެ އަށްވަނަ ބެޗާއި ކަލިނަރީގެ ތިންވަނަ ބެޗަށް ފުރުސަތު ހުޅުވާލުން.
  • އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 10 ވަނަ ދުވަސް.
  • ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 1 ވަނަ ދުވަހު.
  • ޕްރޮގްރާމުގެ ހުރިހާ ޚަރަދެއް ޔުނިވާސަލް ފައުންޑޭޝަނުން ހަމަޖައްސައިދިނުން.

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖުން ހިންގާ، 'ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމް' މި އަހަރު ވެސް ކުރިއަށްގެންދިޔުމަށް ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖުން ހޮސްޕިޓާލިޓީ ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދާއި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެވެ.

އެ އެމްއޯޔޫގެ ދަށުން، ޑިސްކަވާ ހޮސްޕިޓާލިޓީ (އޮޕަރޭޝަންސް)ގެ އަށްވަނަ ބެޗާއި ޑިސްކަވާ ހޮސްޕިޓާލިޓީ (ކަލިނަރީ)ގެ ތިންވަނަ ބެޗްގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އެ ބެޗުތަކުގެ ކިޔެވުން ފެށޭނީ އަންނަ ޖޫން މަހުގެ އެކެއްގައެވެ.

އެ ޕްރޮގްރާމަށް ކުރިމަތިލާން މިހާރު ފުރުސަތު ހުޅުވާލައިފައިވާއިރު، އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެގޮތުން، ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ތައާރަފު ކުރި ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމަކީ، ހޮސްޕިޓާލިޓީ ދާއިރާއިން ހުނަރު އާލާކޮށް، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ހަތް ވަނަ ބެޗުގެ ކިޔެވުން މިދިޔަ އަހަރު ނިމި، ދަސްވެނިވުމަށް ތައްޔާރުވެފައިވާއިރު، އެ ޕްރޮގްރާމުން މިހާތަނަށް 200އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ.

އެ ޕްރޮގްރާމަށް 2024 ވަނަ އަހަރު ކަލިނަރީ ސެޓްފިކެޓް 3 ތައާރަފުކޮށްފައިވާއިރު، އޭގެ ސަބަބުން ޕްރޮގްރާމްގެ ސްކޯޕް ފުޅާވެ، ކަލިނަރީ ދާއިރާއިން ދިވެހީންގެ ހުނަރު އާލާކުރުމަށް ފުރުސަތު ލިބިފައިވެއެވެ. އަދި މި ޕްރޮގްރާމް މިހާރު ވެފައިވަނީ ރާއްޖޭގައި އެންމެ މަގުބޫލު އެއް އިންޓާންޝިޕް ޕްރޮގްރާމަށެވެ.

ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމަކީ، ހޮސްޕިޓާލިޓީ ދާއިރާއާއި ތައުލީމީ ދާއިރާއާ ގުޅިގެން ދަރިވަރުންނަށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ، ތަމްރީނު ފޯރުކޮށްދިނުމުގެ މުހިންމުކަން ދައްކުވައިދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުން ފޯރުކޮށްދޭ ތަމްރީނާއި، ކުރާ މަސައްކަތުގެ އިވެލުއޭޝަންތަކުން، ކޮންމެ ދަރިވަރަކީ ވެސް މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ބައިވެރިއަކަށް ހަދަން މަސައްކަތް ކުރެއެވެ.

ޑިސްކަވާ ހޮސްޕިޓާލިޓީ ޕްރޮގްރާމުގައި، ވިލާ ކޮލެޖުގައި ތިއަރީ ކްލާސްތައް ނިންމައި، ވާސާ ހޮސްޕިޓާލިޓީ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެއްގައި ތިން މަސް ދަވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއް ހަދަން ފުރުސަތު ލިބޭނެއެވެ.

އެ ޕްރޮގްރާމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަނީ ޔުނިވާސަލް ފައުންޑޭޝަނުން ކަމަށްވާއިރު، ވާސާ ހޮސްޕިޓާލިޓީން އެ ޕްރޮގްރާމުގެ ބައިވެރިންނަށް އެލަވަންސެއް ދޭނެއެވެ.

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖުގެ މި ޕާޓްނާޝިޕްގެ މަގުސަދަކީ ޒުވާނުންނަށް ފުރުސަތުތައް އިތުރުކޮށްދީ، ހޮސްޕިޓާލިޓީ ދާއިރާއަށް ތަމްރީނުވެފައިވާ އައު ޖީލެއް ނެރުމެވެ.

comment ކޮމެންޓް