ގާސިމްގެ ބަންދަށް 6 ދުވަސް ޖަހައިފި

ގާސިމް ކޯޓަށް ހާޒިރު ކުރުމުން، މުޒާހަރާ ކުރަން ފެށުމުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދަށް ހަ ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ގާސިމް ބަންދަށް ހަ ދުވަސް ޖެހުމުން، އަންނަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ޖަލްސާގައި އެމަނިކުފާނަށް ބައިވެރިވެވަޑައި ނުގެންނެވޭނެ އެވެ.

އެ ޖަލްސާގައި ގާސިމަށް ބައިވެރިވެވަޑައި ނުގެންނެވެނީ، މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ކުރަންޖެހޭނެ ކަމަށް ބުނާ އިމްތިޔާޒު ގާނޫނުގެ މާއްދާ ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވާތީ އެވެ.

ގާސިމަށް ދޫކޮށްލުމަށް ގޮަވާލައި، އެއްވި މީހުން ފައްސާލުމަށް ފުލުހުން މަސައްކަތް ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރާ އެކު، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ގާސިމް ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުންނަށް ވަނީ ފުރުސަތު ލިބިފަ އެވެ.

ގާސިމްގެ މައްޗަށް ފުލުހުން ހަތަރު ތުހުމަތެއް ކުރެ އެވެ. އެއީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތް ކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނަގަން އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތެވެ.

ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ އަމަލުތަކެއް ކުރި ކަމުގެ ތުހުމަތު ވެސް ގާސިމްގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ގާސިމް މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭތީ، ގާސިމް ހައްޔަރު ކުރީ ރޭ އިރާކޮޅު 8 ޖަހަން އުޅެނިކޮށެވެ. ގާސިމް ހައްޔަރުކޮށްގެން ގެންދިޔައީ ފުލުހުންގެ ތަހުގީގީ ޖަލު ދޫނިދޫއަށެވެ.

މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރު ކުރަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަންދާމެދު ގޮތެއް ނިންމުމަށް ގާސިމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރީ ހަވީރު 4:45 ގަ އެވެ. އެނބުރި ދޫނިދޫއަށް ގެންދިޔައީ މިއަދު ހަވީރު 5:30 އެހާކަންހާއިރު އެވެ.

ގާސިމް ކޯޓަށް ހާޒިރުކޮށްފައި ވަނީ ކްރިމިނަލް ކޯޓު ހިމެނޭ ސަރަހައްދުގެ ގިނަ މަގުތަކެއް ބަންދު ކުރުމަށްފަހު އެވެ. އަދި ޖުމްހޫރީ މައިދާނާއި އެ ސަރަހައްދާ ގުޅިފައިވާ މަގުތައް ވެސް ބަންދުކޮށްގެންނެވެ.

އެއްވި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރު އަރީފު އެ ސަރަހައްދުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ސަރަހައްދުގެ މަގުތައް ފުލުހުން ބަންދު ކުރި ނަމަވެސް، އެ ސަރަހައްދުގެ މަގުތަކަށް މީހުން އެއްވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލި އެވެ. އެއްވި މީހުންގެ ތެރޭގައި އިދިކޮޅު މަޖިލިސް މެމްބަރުންނާއި ޕާޓީތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

ގާސިމް ހައްޔަރު ކުރުމާ ގުޅިގެން އެމްޑީޕީ އާއި ޖޭޕީން ނިންމާފައި ވަނީ ސީދާ ހަރަކާތަށް ނުކުތުމަށެވެ. އެގޮތުން ރޭ ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކޫނޫޒަށް އެއްވެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އެއްވި މީހުންނަށް ކުރިއަށް ނުދެވޭނެ ގޮތަށް ފުލުހުން ރޭ ވަނީ ހުރަސް އަޅާފަ އެވެ.

comment ކޮމެންޓް