މެންބަރަކު މަޖިލީހުގައި ހުއްޓާ ކޯޓަށް ހާޒިރު ކުރުން މަނާ ކުރާ މާއްދާ ބާތިލްކޮށްފި

މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމެޓީގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަކަށް މަޖިލީހުގެ މެމްބަރަކު ކޯޓަށް ވެސް އަދި އެއްވެސް މުއައްސަސާއަކަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނުގައި ބުނާ މާއްދާ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރުގެ ބަންޑާރަ ނައިބު ކަމުގައި އިމްތިޔާޒު ގާނޫނުގެ މާއްދާތަކެއް ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު، އެ ގާނޫނުގެ މާއްދާތަކެއް ސުޕްރީމް ކޯޓުން މިއަދު ބާތިލު ކުރީ އެ ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

މާއްދާތައް ބާތިލު ކުރަން ނުފެންނަ ކަމަށް ރައުޔުދެއްވީ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު އެވެ.

މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމެޓީގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަކަށް މަޖިލީހުގެ މެމްބަރަކު ކޯޓަށް ވެސް އަދި އެއްވެސް މުއައްސަސާއަކަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވާތީ އެ މާއްދާ ބާތިލު ކުރި ނަމަވެސް އެ މާއްދާގެ (ށ) ބާތިލްކޮށްފައެއް ނުވެ އެވެ.

އިމްތިޔާޒު ގާނޫނުގެ 11 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ މަޖިލީސް ކުރާގޭގައި މެމްބަރަކު ހުއްޓާ ތަހުގީގަކަށް ނުވަތަ ޝަރީއަތަށް ހާޒިރުވުމުގެ ލިޔުމެއް ހަވާލުކޮށްގެން ނުވާނެ ކަމަށެވެ.

އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރަކު މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި މެމްބަރަކު ހައްޔަރުކޮށްފި ނަމަ އެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާއަކަށް ހައްޔަރު ކުރި ފަރާތަކުން އެ މެމްބަރަކު ހާޒިރުކޮށްދޭން ވާނެ ކަމަށެވެ. އަދި ބަންދުގައި ހުރި މެމްބަރަކު ބައިވެރިނުކޮށް މިފަދަ ޖަލްސާއެއްގައި އެއްވެސް ވޯޓެއް ނަގައިގެން ނުވާނެ ކަމަށް ބުނެފައި އޮތް އޮތުން ވެސް ވަނީ ބާތިލުކޮށްފަ އެވެ.

މައްސަލައެއްގެ ތަހުގީގަށް މެމްބަރަކު ހައްޔަރުކޮށްފައިވާ ނަމަ ނުވަތަ ޖިނާއީ ކުށެއްގައި 12 މަސް ދުވަހަށް ވުރެ ކުރު ހުކުމެއް ތަންފީޒު ކުރުމުގެ މަރުހަލާގައި މެމްބަރަކު ހައްޔަރުކޮށްފައިވާ ނަމަ އެ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުކުރަންޖެހޭނެ ކަމަށް އެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާތީ އެ މާއްދާ ވެސް ވަނީ ބާތިލުކޮށްފަ އެވެ.

އެ މާއްދާ ބާތިލުކުރުމާ ގުޅިގެން ޖިނާއީ ހުކުމެއް ތަންފީޒުކުރަމުން އަންނަ މެމްބަރަކަށް ހުކުމުގެ މުއްދަތުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކުގެ މަސައްކަތުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ށ)ގައި މެމްބަރަކު އޭނާގެ މަސްއޫލިއްޔަތަކު އަދާކުރުމަށް އަންނަ އައުމުގަ އާއި މަޖިލީހުގެ މަސައްކަތުން އެނބުރި ދިޔުމުގައި އަދި މަޖިލީސް ކުރާ ގޭގައި ހުންނަ ވަގުތު މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެފައި ވާތީ އެ މާއްދާ ވެސް ވަނީ ބާތިލުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު