ސެމްސަންގުން ވާވޭއަށް 11.6 މިލިޔަން ޑޮލަރު ދައްކަން ހުކުމްކޮށްފި

ވާވޭގެ އިވެންޓެއްގެ ތެރެއިން ---

ސެމްސަންގުން ޗައިނާގެ ސްމާޓްފޯނު އުފައްދާ ވާވޭގެ ޓެކްނޮލޮޖީތަކެއް ކޮޕީކުރިކަމަށް ކަނޑައަޅައި، ސެމްސަންގުން ވާވޭއަށް 11.6 މިލިޔަން ޑޮލަރު ދެއްކުމަށް ޗައިނާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޗުއަންޖޯގެ ކޯޓެއްގައި ކުރިޔަށް ދިޔަ ޝަރީޢަތުގައި، ކޯޓުން ނިންމީ ސެމްސަންގުން ވަނީ ވާވޭގެ ސެލޫލާ ޓެކްނޮލޮޖީތަކެއް އިންފްރިންޖް ކޮށްފަ އެވެ.

ދެ ކުންފުނިން ވެސް ދަނީ އެކި ކޯޓުތަކުގައި، އެއްބައެއްގެ ޓެކްނޮލޮޖީތައް އަނެއް ބަޔަކު ކޮޕީ ކޮށްފައިވާ ކަމަށް ބުނެ މައްސަލަތައް ހިންގަމުންނެވެ.

ވާވޭއިން ސެމްސަންގްއާ ދެކޮޅަށް މިފަދައިން ދައުވާ ކުރަންފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެމެރިކާގެ ކެލިފޯނިއާ އާއި ޗައިނާގެ ޝެންޒެން ފަދަ ކުންފުނިތަކުގައި، 10 އަށް ވުރެ ގިނަ ޓެކްނޮލޮޖީ ސެމްސަންގުން ކޮޕީކޮށްފައިވާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވެއެވެ.

ވާވޭއިން ތުހުމަތުކުރާ ގޮތުގައި ސެމްސަންގުގެ 20 އަށް ވުރެ ފޯނާއި ޓެބްލެޓުގައި ވާވޭގެ ޓެކްނޮލޮޖީތަކެއް ހުއްދަ ނެތި ބޭނުންކޮށްފައިވެ އެވެ.

ސެމްސަންގުން ވެސް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު، އެ ކުންފުނީގެ ހަ ޕޭޓެންޓެއް ކޮޕީކޮށްފައިވާ ކަމަށް ބުނެ ވާވޭއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ.

އައިޑީސީ ކިޔާ މާކެޓް ރިސާޗު ކުންފުންޏަކުން މިދިޔަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ވާވޭއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ މަގުބޫލު ސްމާޓްފޯނު އުފައްދާ ކުންފުންޏެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ސްމާޓްފޯނު އުފައްދާ ފަރާތަކީ ސެމްސަންގެވެ. ދެވަނައަކީ އެޕަލްއެވެ.

ކޯޓުގެ ހުކުމަށް ވާވޭއިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި އެއް ކުންފުންޏެއް އަނެއް ކުންފުންޏެއްގެ ރީސާޗް އަދި ޑިވެލޮޕްމެންޓް އިންވެސްޓްމެންޓްތަކަށާއި ފިކުރީ މުދަލަށް އިހްތިރާމު ކުރުމަށް ވާވޭއިން އިސްކަން ދޭނެ ކަމަށް އެކުންފުނިން ބުންޏޭވެ.

ސެމްސަންގުގެ ތަރުޖަމާނަކު ބުނި ގޮތުގައި، ކޯޓުގެ ނިންމުން އެކުންފުނިން ދަނީ މުރާޖާ ކުރަމުންނެވެ.

comment ކޮމެންޓް