ރެއިންބޯއިން ހުޅުމާލޭގައި އަޅާ "ރެއިން ކްރެސްޓު"ގެ 136 އެޕާޓްމެންޓު އިފްތިތާހުކޮށްފި

ހުޅުމާލޭގައި އަޅާ "ރެއިން ކްރެސްޓު"ގެ 136 އެޕާޓްމަންޓުތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން-- ސަން ފޮޓޯ: ފަޔާޒް މޫސާ

ރެއިންބޯ އެންޓަޕްރައިސަސް އާ އިންޑިއާ ކުންފުންޏެއް ކަމަށްވާ ސިންގާލް އިންޖިނޭރިން ކުންފުންޏާ ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ހުޅުމާލޭގައި އަޅާ "ރެއިން ކްރެސްޓު"ގެ 136 އެޕާޓްމަންޓުތައް އިފްތިތާހުކޮށް އެތަނުގެ ފްލެޓުތައް ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ހަފްލާއެއްގައި "ރެއިން ކްރެސްޓު"ގެ އެޕާޓްމަންޓުތައް އިފްތިތާހުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއި ގުޕްތާ ސިންގާލް އެވެ.

ރެއިން ކްރެސްޓަކީ ޒަމާނީ ފެންވަރަށް އެންމެ ލަގްޝަރީ ފެންވަރުގައި އިމާރާތް ކުރާ އިމާރާތެކެވެ. އެ އިމާރާތް އެކުލެވިގެން ވަނީ 14 ބުރީގެ ދެ ޓަވަރަށެވެ.

ޓަވަރު އޭ ގައި ހިމެނެނީ 454.99 އަކަފޫޓާއި 1442.59 އަކަފޫޓާ ދެމެދުގެ 68 އެޕާޓްމަންޓެވެ. އޭގެ ތެރޭގައި ހަތަރު ކޮޓަރީގެ 12 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 11 އެޕާޓްމަންޓު ހިމެނެއެވެ. އަދި 2.5 ކޮޓަރީގެ 22 އެޕާޓްމަންޓުގެ އިތުރުން އެއް ކޮޓަރީގެ ވެސް 22 އެޕާޓްމަންޓު ހިމެނެއެވެ.

ޓަވަރު ބީ ގައިވެސް ޖުމްލަ 68 އެޕާޓްމަންޓު ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 20 އެޕާޓްމަންޓާއި، 3.5 ކޮޓަރީގެ ދެ އެޕާޓްމަންޓު ހިމެނެއެވެ. އަދި 2.5 ކޮޓަރީގެ 22 އެޕާޓްމަންޓާއި އެއް ކޮޓަރީގެވެސް 22 އެޕާޓްމަންޓު ހިމެނެއެވެ.

މި އެޕާޓްމަންޓުތަކުގެ އަގުތައް އުޅެނީ އެއް މިލިއަނާއި 11 މިލިއަނާ ދެމެދުގެ އަގެއްގައެވެ.

ރެއިން ކްރެސްޓުގައި ހިމެނޭ ޚާއްސަ ސިފަ ތަކުގެ ތެރޭގައި ޕާކް ކުރުމުގެ ޚާއްސަ ސަރަހައްދަކާއި ފުލީ އިކުއިޕްޑް ޖިމަކާއި 1000 އަކަފޫޓުގެ ކޮންވެންޝަން ހޯލެއް ހުރެއެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ސަރަހައްދެއްގެ އިތުރުން 14 ވަނަ ފްލޯގައި ޕޫލެއްވެސް ހުރެ އެވެ.

މި އިމާރާތް އަޅަނީ ހުޅުމާލޭގެ ރީތިގަސް މަގުގައެވެ. އެ ސަރަހައްދަކީ ހުޅުމާލޭގެ ކޮމާޝަލް ސަރަހައްދެކެވެ.

comment ކޮމެންޓް