ބިދޭސީ ފަސް ޑޮކްޓަރެއްގެ ލައިސަންސް ބާތިލުކޮށް އެކަކުގެ ލައިސަންސް ހިފަހައްޓައިފި

މީހަކު ޑޮކްޓަރަށް ދައްކަނީ: މިދިޔަ އަހަރު ވަނީ ފަސް ޑޮކްޓަރެއްގެ ލައިސަންސް ބާތިލްކޮށް އެކަކުގެ ލައިސަންސް ހިފަހައްޓާފައި --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި މަސައްކަތްކުރާ ހަ ބިދޭސީ ޑޮކްޓަރެއްގެ ލައިސަންސް މިދިޔަ އަހަރު ހިފަހައްޓާފައިވާ ކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެމްއެމްސީ އިން އިއްޔެ އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނީ، އެކިއެކި ސަބަބުތަކާ ހުރެ ވޭތުވެ ދިޔަ އަހަރު ބިދޭސީ ފަސް ޑޮކްޓަރެއްގެ ލައިސަންސް ބާތިލުކޮށްފައިވާ ކަމަށާއި އެއް ޑޮކްޓަރެއްގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ބުނާ ގޮތުން ލައިސަންސް ބާތިލްކޮށްފައި ވަނީ އިންޑިއާ އަށް ނިސްބަތްވާ ތިން ޑޮކްޓަރަކާއި ނޭޕާލަށް ނިސްބަތްވާ ޑޮކްޓަރަކާއި އިޖިޕްޓަށް ނިސްބަތްވާ ޑޮކްޓަރެއްގެ އެވެ. އަދި މައްސަލަ ނިމެންދެން ވަގުތީ ގޮތުން ހިފަހައްޓާފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޑޮކްޓަރެއްގެ ލައިސަންސެވެ.

އެ ޑޮކްޓަރުންގެ ލައިސަންސް ބާތިލުކޮށްފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމާއި އެ ޑޮކްޓަރުންގެ ނަމާ އެކު އެ ރިޕޯޓްގައި ވަނީ އާންމުކޮށްފަ އެވެ.

އެއް ޑޮކްޓަރެއްގެ ލައިސަންސް ބާތިލް ކުރީ ސައްހަ ނޫން ސެޓްފިކެޓެއް ހުށަހެޅުމުން ކަމަށާއި ބާކީ ތިބި ޑޮކްޓަރުންނާ މެދު ފިޔަވަޅު އެޅީ އެ މީހުން ނިސްބަތްވާ ގައުމުތަކުގެ މެޑިކަލް ކައުންސިލުން ދޫކުރި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ނުކުރެވޭތީ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި ވަގުތީ ގޮތުން ލައިސަންސް ހިފެހެއްޓީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އެމްއެމްސީން ބުނެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިހާރު ނުނިމި އޮތީ މަރު ހިމެނޭ ތިން މައްސަލައެކެވެ. އެއީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވިހެއި ދެ ކުއްޖަކު، ވިހެއުމުގެ ތެރޭގައި މަރުވުމުން ހުށަހެޅި ދެ މައްސަލައަކާއި އޮޕަރޭޝަން ކުރަން ހޭނެއްތި އަންހެނަކު ކޯމާ އަކަށް ގޮސް، މަރުވި މައްސަލައެކެވެ.

އެ ތިން މައްސަލައިގެ މައުލޫމާތު އެއްކޮށްފައި ވިޔަސް ފައިނަލް ރިޕޯޓް އަދި ތައްޔާރެއް ނުކުރެ އެވެ.

comment ކޮމެންޓް