ހަލުވިކަމާ އެކު މުޅި ރާއްޖޭގައި ފެތުރުނު އެޗް1އެން1 އިންފްލުއެންޒާ ރޯގާއާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސް އަނެއްކާ ވެސް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ހަލުވިކަމާ އެކު އިންފްލުއެންޒާ ރޯގާ ފެތުރި މީހަކު މަރުވުމާއި ގުޅިގެން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރަ މިންވަރު ބަލާ ކޮމެޓީއަށް މައްސަލަ ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ކޮމެޓީގައި ހިމެނިވަޑައިގެންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިިނާ އާދަމް ވަނީ ރޯގާއާ ގުޅިގެން އުފައްދާފައިވާ ޓާސްކްފޯސް ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް އެދިފަ އެވެ.
ރޮޒައިނާގެ ހުށަހެޅި ގޮތަށް ކޮމެޓީއަށް ޓާސްކްފޯސް ހާޒިރުކުރުމަށް ފާސްކުރި ނަމަވެސް ޓާސްކްފޯސް އިން ވަނީ ކޮމެޓީއިން އެދިފައިވާ ގަޑިއަށް ހާޒިރުވުމަށް ދަތިތަކެއް ހުރިކަމަށް ބުނެ ހާޒުރު ނުވެފަ އެވެ.
އިންފުލުއެންޒާ އެޗްވަންއެންވަން އަށް ޕޮސިޓިވްވި ހަ މީހަކު މިހާތަނަށް މަރުވެފައިވާ އިރު މިއަދު ބޭއްވި ކޮމެޓީން އަނެއްކާ ވެސް ވަނީ ޓާސްކްފޯސް މިރޭ 8:30 އަށް ހާޒިރުކުރުމަށް ފާސްކޮށްފަ އެވެ.
ޓާސްކްފޯސް އަނެއްކާ ވެސް ހާޒިރުކުރުމަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމަބަރު ޖައުފަރު އީސާ އާދަމް އެވެ. ރޮޒެއިނާ އާދަމް ތާއިދުކުރެއްވި އެ ހުށަހެޅުމަށް އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރުމުން މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވަނީ ހުށަހެޅުން ފާސްވިކަން އިއުލާންކޮށް މިރޭ ޓާސްކް ފޯސް ހާޒިރުކުރުމުގެ މަސަތްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިރޭ ހާޒިރު ނުކުރެވިއްޖެ ނަމަ މާދަމާ ވެސް ޓާސްކް ފޯސް ހާޒިރު ކުރައްވަން މަސަތްކަތްފުޅު ކުރައްވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.