ސިފައިންގެ ސީނިއާ ތިން އޮފިސަރަކަށް ބްރިގޭޑިއާ ޖެނެރަލްގެ މަގާމު ދީފި

ބްރިގޭޑިއާ ޖެނެރަލްގެ މަގާމު ދެއްވި ތިން ބޭފުޅުންނާއި ކާނަލްގެ ރޭންކް ދެއްވި ދެބޭފުޅުން ރައީސް ޔާމީނާއި ޑިފެންސް މިނިސްޓަރާ އެކު ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ/ އެމްއެންޑީއެފް

ސިފައިންގެ ސީނިއާ ތިން އޮފިސަރަކަށް ބްރިގޭޑިއާ ޖެނެރަލްގެ މަގާމު މިއަދު ދީފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި، ބްރިގޭޑިއާ ޖެނެރަލްގެ ރޭންކަށް ބަދަލުކުރީ އަބްދުއްރަހީމް އަބްދުއްލަތީފާއި ވައިސް ވަހީދު އަދި ހާމިދު ޝަފީގެވެ. އެ ތިން އޮފިސަރުން ވެސް މިހާތަނަށް ތިއްބެވީ ކާނަލްގެ ރޭންކުގަ އެވެ.

ބްރިގޭޑިއާ ޖެނެރަލްގެ ރޭންކަށް އަލަށް ހަމަޖެއްސި ތިން އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ހަވާލުކޮށްދެއްވީ ސިފައިންގެ ވެރިޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މިއަދު ވަނީ ކާނަލްގެ ރޭންކަށް ވެސް ދެ ބޭފުޅަކު ބަދަލުކުރައްވާފަ އެވެ.

ކާނަލްގެ ރޭންކަށް ބަދަލު ކުރީ ލެފްޓިނަންޓް ކާނަލްގެ މަގާމުގައި މިހާތަނަށް ތިއްބެވި އަހުމަދު ގިޔާސް އާއި ޑރ. އަލީ ޝާހިދު މުހައްމަދު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ދެ ސިފައިންނަށް މަގާމްގެ ކުރިއެރުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު އަދި ނޭޝަނަލް ކައުންޓާ ޓެރަރިޒަމްގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް