ޖަލަށް ލާފާނެތީ ކަންބޮޑުވުމެއް ނެތް، ދަރިން ކިބައިން އެދެނީ ގައުމަށް ވަފާތެރިވުމަށް: ގާސިމް

ފުލުސް އޮފީހަށް ގާސިމް ހާޒިރު ކުރުމުގެ ކުރިން ނޫސްވެރިނަށް މައުލޫމާތު ދެއްވަނީ --- ސަންފައިލް ފޮޓޯ

އެއްވެސް މައްސަލައަކާ ގުޅިގެން ޖަލަށް ލާފާނެތީ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި، ދެރަވާން ޖެހޭނީ ކުށެއްކޮށްގެން ޖަލަށް ލާނަމަ ކަމަށް ޖުމްހޫރީ ޕާޓިީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމްގެ މައްޗަށް ތުހުމަތުކުރެވޭ ރިޝްވަތުގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން ގާސިމްގެ ޕާސްޕޯޓް ވެސް ވަނީ މަސްދުވަހަށް ހިފަހައްޓާފަ އެވެ.

ވިލާ ޝިޕިންގްގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ޖަލަށް ލާފާނެތީ ކަންބޮޑުވުމެއް ނެތް ކަަމަށެވެ.

ނަމަވެސް ސިއްހީ މައްސަލަތަކެއް ހުންނަ ކަން ގާސިމް ފާހަގަކުރެއްވި އެވެ. ގާސިމް ވިދާޅުވީ 2004 ވަނަ އަހަރު ސިޔާސީ މައްސަލައެއްގައި ބަންދު ކުރުމުން ހިތުގެ މައްސަަލައެއް ދިމާވި ކަމަށެވެ.

"އަޅުގަނޑުމީ އުމުރުން 65 އަހަރުވެފަ ހުރި މީހެއް. މާދަމާ ގެންގޮސް ޖަލަށްްލައިފިއްޔާ، އަދި ބަލިހާލުވެސް ހުރި މީހެއް. ކޮންމެވެސް ވަރެއްގެ ކަންތައްތަކެއް އެބަހުރި އަޅުގަނޑުވެސް. އޮފް ކޯޒް މިއުމުރަށް ދާއިރު ހުންނާނެ. ވޮރީސްއެއް ނެތް،" ގާސިމް

ގާސިމް ވިދާޅުވީ ހައްޔަރުކުރާނެ ކަމުގެ ވާހަކަތަކެއް އަޑުއިވޭ ކަމަށާއި އަދި "ޖަލަށް ލަނީ ތިން އަހަރަށޭވެސް އެބަކިޔާ" ކަމަށެވެ.

އަނބި ދަރިންނާއި މުވައްޒަފުންނަށް ކެތްތެރިވުމަށް ގާސިމް ވަނީ ވަސިއްޔަތް ކުރައްވާފަ އެވެ. އަދި ގާނޫނީ އިމުން ބޭރަށް ވަޑައިނުގަތް މަސައްކަތް ކުރުމަށް ގާސިމް ނަސޭހަތްތެރިވި އެވެ.

"އަނބިދަރިންނަށް އަޅުގަނޑު އިހުލާސްތެރި ކަމާއެކު ދޭން އޮތް ނަސޭހަތަކީ އަނިޔާވެރިއެއްނަމަ އެއީ އަނިޔާވެރިއެކޭ ބުނާށޭ. އެއްގޮތަކަށްވެސް ފަހަތަށް ނުޖެހޭށޭ. ހައްގު ލިބޭނީ އެގޮތުގަ އޭ. މާތް ﷲގެ ރުހިވޮޑިގަތުން ވެސް ލިބޭނީ އެގޮތުގަ އޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ގައުމުގައި ކިޔަވައިގެން ތިބި ފަރާތްތަކުން "ގައުމު އޮޔާދާން ދޫ ނުކުރާނެ" ކަމަށް ވިދާޅުވެފަ އވެެ. އަދި ވިދާޅުވީ ގައުމަށް ނާއިންސާފު އައިސް މީހުން ބޭނުންހާ ގޮތަކަށް ތަޅާފޮޅަން މިއަދުގެ ސިފައިންނާއި ފުލުހުން ވެސް ދޫނުކުރާނެ ކަމަށެވެ.

"ކޮންމެ ކަމަކަށް ވެސް އޮންނާނެ ވަކި ހައްދެއް. ހައްދުފަހަނައަޅާ ދިޔައިމަ އަޅުގަނޑު ގަބޫލެއް ނުކުރާނަން ދިވެހި ރައްޔިތުން މަޑުން ތިއްބަވާނެ ކަމަކަށް،" ގާސިމް ވިދާޅުވި އެވެ.

ތ އެލާގެ މައްސަލަ ހައިކޯޓުން ނިންމީ ރަނގަޅަށް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރަށް ތާއީދު ނެތް މީހެއްގެ މިލްކިއްޔާތު ނަގާކަށް އެއްވެސް ގާނޫނަކާއި ގާނޫނުއަސާސީއެއްގައި ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

މޯލްޑިވްސް އިންލެންޑް ރެނެވިއު އޮތޯރީޓީ (މީރާ)އަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން ޖޫރިމަނާކޮށް ހުކުމް ކުރިއިރު އެ ކުންފުނިން 2014 ވަނަ އަހަރު ވިލާ ކުންފުންޏަށް ގަވައިދުން ޓެކްސް ދައްކާ ކަމުގެ ރަންލާރި ދީފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ދެން ޖެހިގެން އައި އަހަރު 92 މިލިއަން ޑޮލަރު ނުދައްކައިގެން ކަމަށް ބުނެ ހުކުމް ކުރީމަ އެ ވާހަކަ ގަބޫލުކުރާނެ ދިވެހި ރައްޔިތެއް ނުހުންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

" ކޮބާތޯ އަޅުގަނޑު ކުރި ކުށަކީ. ސައްހަ އެގްރިމެންޓެއް ބާތިލުކުރެވޭނެ އެއްވެސް އުސޫލެއް ނޯންނާނެ. ކިތަންމެ ބާރުގަދަ މީހަކަސް. އެއީ އިންސާފެއް ނޫން. އެއަށް ކިޔަނީ އިންސާފެއް ނޫން. އެހެން ކޮންމެސް ނަމެއް ކިޔާނީ" ގާސިމް

މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ތ. އެލާގެ މައްސަލާގައި އިންްސާފުވެރި ނިންމުމެއް ނިންމާނެ ކަމަށް އުންމީދު ކުރަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ގާސިމް ވިދާޅުވީ ފަނޑިޔާރުން ކަންކަން ނިންމާނީ އިންސާފުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

ގާސިމް ވިދާޅުވީ މިހާތަނަށް ވެސް ދިވެހިި ފަސްގަނޑު ސަލާމަތުގެ އައްސޭރިއަށް ގެނެސްދިނުމުގައި ރާއްޖޭގެ ޝަރުއީ އެންމެ ފަހު މަރުހަލާއިން ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ބޭފުޅުން ވަކި ބޭފުޅަކު އަންގަވައިގެން ވަޒީފާގެ ބިރަށް އެއްވެސް ކަމެއް ނިންމަވާނެ ކަަމަށް ގަބޫލު ނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

comment ކޮމެންޓް