ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އަށް ރިޝްވަތު ހުށަހެޅުއްވި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާފައިނުވާ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިނަމަ ބަލާނެ ކަމަށެވެ.
"މެމްބަރު ފަލާހު އަށް ރިޝްވަތު ހުށަހެޅުއްވި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވޭ. އެ މައްސަލަ ހުށަހަޅައިފިނަމަ ބަލާނެވާހަކަ ދަންނަވަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މަހުގެ 11 ވަނަ ދުވަހު ޕީޕީއެމް، އެމްޑީއޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރުމަށް އިދިކޮޅު ފަރާތްތަކުން އޭނާ އަށް 32 މިލިއަން ރުފިޔާ ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ރިޝްވަތު ހުށަހެޅުއްވީ ކާކު ކަމެއް ފަލާހު ވިދާޅެއްނުވެއެވެ.
މަސީހުގެ ވޯޓާ ގުޅުވައިގެން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން އަންނަނީ ބަލަމުންނެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ތަހުގީގު ނިމުނުކަން ފުލުހުން ހާމަކޮށްފައެއްނުވެއެވެ.