އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފައްޓަވާފައިވާ އިސްލާހީ މަސަތްކަތްޕުޅަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވެ، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެން މައުމޫނާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރާއްޖެ ޓީވީގެ 60 މިނެޓް ޕްރޮގްރާމަށް ދެއްވި އިިންޓަވިއުއެއްގައި ސައުދު ވިދާޅުވީ، ރައީސް މައުމޫން ފައްޓަވާފައިވާ މަސަތްކަތްޕުޅާއިގެން ކުރިއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި އެކަމުގައި ސާބިތުކަންމަތީ ދެމި ހުންނަވާނޭ ކަމަށެވެ.
"ޕީޕީއެމްގެ ކޮންގްރެސް އަކުން ޕީޕީއެމްގެ އާންމު މެމްބަރުންގެ މެދުގައި ނެގިފައި އޮތް ވޯޓަކުން އިންތިހާބުކުރުވާފައި ހުންނެވި ރައީސް އަކީ ރައީސް މައުމޫން. އެހެންވީމަ ރައީސް މައުމޫން ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ ރައީސް މައުމޫންގެ މަސަތްކަތާއިގެން ކުރިއަށް ދާނަން،" ސައުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް މައުމޫނާއި ޕީޕީއެމް ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުންމަތީ ދެމިހުންނާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން މަސަތްކަތް ކުރައްވަން ނިންމާފައިވާއިރު ސައުދުގެ ނިންމެވުމަށް، ރައީސް މައުމޫންގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މަރުހަބާ ދަންނަވާ ޓްވީޓް ކުރައްވައިފައެވެ.
ރައީސް މައުމޫނާ ގުޅިވަޑައިގަތުމަށް ސައުދު ނިންމާފައިވާއިރު ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ވަނީ، ރައީސް މައުމޫން ފާޅުގައި ޕީޕީއެމްގެ ފިކުރާ ދެކޮޅަށް މަސަތްކަތް ކުރައްވާކަމަށް ބުނެ އެ ޕާޓީގެ މެމްބަރުކަމުން އެމަނިކުފާނު ވަކިކުރައްވައިފައެވެ. އަދި ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު އަމީތު ވެސް ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމަށް ސްލޫކީ ކޮމެޓީން ވަނީ ނިންމާފައެވެ.