ލިވަޕޫލް ފެންވަރު ދައްކާލިއިރު ކްރިސްޓަލް ޕެލަސްއިން ޗެލްސީ ސައިޒް ކޮށްލައިފި

ޗެލްސީއާ ކްރިސްޓަލް ބައްދަލު ކުރި މެޗުގެ ތެރެއިން--ފޮޓޯ/ފުޓްބޯލް 365

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން ލިވަޕޫލް މޮޅުވިއިރު މެންޗެސްޓާރ ޔުނައިޓެޑް ވެސްޓް ބްރޮމްއާ އެއްވަރުވެ، ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުތަކުގެ ތެރެއިން އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރުނީ ވަރުގަދަ ޗެލްސީއާ ދެކޮޅަށް ކުޅުނު ކްރިސްޓަލް ޕެލަސްއިންނެވެ. އެޓީމުން ޗެލްސީ ބަލިކުރީ 2-1 އިންނެވެ.

ފަހަތުން އަރައި، ޗެލްސީގެ ދަނޑުގައި އެޓީމު ބަލިވީ މޮޅަށް ކުޅެގެންނެވެ. މެޗުގެ ހުރިހާ ލަނޑެއް ފެނިގެން ދިޔައީ ފުރަތަމަ 11 މިނިޓްތެރޭގައެވެ. ފަސްވަނަ މިނެޓްގައި ސެސް ފެބްރިގާސް ޗެލްސީއަށް ލީޑު ނަގައިދިން އިރު އެ ލަނޑު ފެބްރިގާސް ކާމިޔާބު ކުރީ ހަޒާޑް ދިން ޕާހަކުންނެވެ. އޭގެ ހަތަރު މިނެޓްފަހުން، ވިލްފްރެޑް ޒަހާ ވަނީ، ޕެލެސްއަށް ނަތީޖާ ހަމަހަމަކޮށްދީ ޗެލްސީ ހާސްކޮށްލައިފައެވެ. އަދި ކްރިސްޓިއަން ބެންޓެކޭ ވަނީ ޗެލްސީގެ އުންމީދުތައް ފުނުޑު ފުނޑު ކޮށްލައި މެޗުން ޕެލެސް މޮޅު ކޮށްދީފައެވެ.

މިއީ ލިވަޕޫލަށް ވަރަށް ހާއްސަ ރެއެކެވެ. ލިވަޕޫލް އެވަޓަން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި އަށްވަނަ މިނިޓްގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ލީޑުނަގައިދީފައެވެ. ނަމަވެސް އެ ލީޑު ދެމެހެއްޓުނީ 20 މިނިޓް ވަންދެންނެވެ. މެޗުގެ 28 ވަނަ މިނެޓްގައި ޕެޑިންގްޓަން ވަނީ އެވަޓަންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެވަޓަންއަށް ހިތްހަމަޖެހިލައިގެން ހިފަހައްޓައި ލެވުނީ ތިން މިނެޓްވަންދެންނެވެ. ކުޓީނިއޯ ވަނީ ލިވަޕޫލަށް އުންމީދު އާކޮށްދީ ރީތި ލަނޑެއް ކާމިކިޔާބުކޮށް ނަތީޖާ 2-1 ބަދަލުކޮށްފައެވެ. ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިވޮކް އޮރީގީއެވެ.

މި ނަތީޖާތަކާ އެކު ލީގުގެ އެއްވަނައިގައި ޗެލްސީ އޮތީ 69 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި ޓޮޓެންހަމް އޮތީ 62 ޕޮއިންޓާއެކުއެވެ. ލިވަޕޫލަށް 59 ޕޮއިންޓް ލިބި އެޓީމު އޮތީ ތިންވަނައިގައެވެ.

comment ކޮމެންޓް