ދެކުނު ކޮރެއާގެ ކުރީގެ ރައީސާ ހައްޔަރުކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭ ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: އީޕީއޭ

ސޯލް (މާޗް 31): ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ދެކުނު ކޮރެއާގެ ކުރީގެ ރައީސާ ޕާކް ގުން ހޭ ހައްޔަރުކޮށްފި އެވެ.

ރިޝްވަތާއި، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރުމާއި، ސަރުކާރުގެ ސިއްރުތައް ބޭޒާރު ކުރުމުގެ ތުހުމަތުގައި ރައީސް ޕާކުގެ މައްޗަށް ތަހުގީގު ކުރިއަށް ގެންދާއިރު އޭނާ ހައްޔަރު ކޮށްފައި ބެހެއްޓުމަށް އަމުރު ނެރުނީ ސޯލް ސެންޓްރަލް ޑިސްޓްރިކް ކޯޓުންނެވެ.

ނުވަ ގަޑިއިރަށް ދެމިގެން ދިޔަ ކޯޓު އަޑުއެހުމަކަށް ފަހު އެކޯޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޕާކް ހައްޔަރު ކުރަން ޖެހެނީ އޭނާއާ ދެކޮޅަށް ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ހެކި އޭނާ ނައްތާލަފާނެތީ އެވެ.

ޕާކްއާ ދެކޮޅަށް ތަހުގީގު ކުރިއަށް ގެންގޮސް އޭނާއާ ދެކޮޅަށް ދައުވާ ކުރަން ޕްރޮސިކިއުޓަރުންނަށް 20 ދުވަސް ލިބޭނެ ކަމަށް ރޮއިޓާސްއިން ބުނެ އެވެ. އަދި އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

ރައީސާ ޕާކް މަގާމުން ދުރުކުރުމަށް ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭގެ ފަހުން މިމަހުގެ 10 ވަނަ ދުވަހު އެގައުމުގެ ދުސްތޫރީ ކޯޓުން ވަނީ އެނިންމުމަށް ތާއިދުކޮށްފައެވެ.

ދެކުނު ކޮރެއާގެ ނޫހެއްގައިވާ ގޮތުން ރައީސާ ޕާކްއަކީ ޖިނާއީ ތުހުމަތުތަކެއްގައި ހައްޔަރު ކުރި އެގައުމުގެ ތިން ވަނަ ރައީސެވެ. (ބީބީސީ)

comment ކޮމެންޓް