މަލް ބުނަނީ ލަވައަށްވުރެ ފިލްމު ކުޅެން ޝައުގުވެރިވާ ކަމަށް!

މަލް ބުނަނީ ލަވައަށް ވުރެ ފިލްމު ކުޅޭ ހިތްވާ ކަމަށް ބުނެފަ---

ދިވެހި ފިލްމީ ދާއިރާ ވެސް މިހާރު އަންނަނީ ވަރަށް "ތިޔާގި" ވަމުން ނެވެ. ތަފާތު ހާދިސާތަކުގެ މައްޗަށް ފިލްމުތައް އުފައްދައި ސްކްރީނަށް ގެންނައިރު ވީޑިއޯ ލަވަތައް ވެސް ފެންނަލެއް މަދެއް ނޫނެވެ. ނަމަވެސް ލަވައަށް ވުރެ ފިލްމު ކުޅެން ބޭނުންވާ ތަރިން ގިނައެވެ. ލަވަތަކުން ވަރަށް މަދުން ފެންނަ ތަރިންވެސް އެބަ އުޅެއެވެ. އެގޮތުން ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ތަރި މަލީހާ ވަހީދު (މަލް) ވެސް މިހާތަނަށް ފެނިފައިވަނީ އެންމެ ދެލަވަ އަކުންނެވެ. މަލް ބުނަނީ ލަވަ ކުޅުމަށްވުރެ ފިލްމު ކުޅެން މާބޮޑަށް ވެސް ޝައުގުވެރިކަން ހުންނަނީ ކަމަށެވެ.

"ސަން" އާ ވާހަކަ ދައްކަމުން މަލް ބުނީ، މިހާތަނަށް ތިން ފިލްމަކުންނާއި ދެ ލަވައަކުން އޭނާ ފެނިފައިވާނެ ކަމަށާއި ލަވައަށް ވުރެ ގިނައިން ފިލްމު ތަކުން ފެންނަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ، ނެށުމަށް ވުރެ ބޮޑަށް އެކްޓް ކުރަން އޭނާއަށް ފަސޭހައީ ކަމަށެވެ.

" އަސްލު މަލް އަކަށް ނޭންގެ އެހާ މޮޅަށް ނަށާކަށް. އެހެންވެ ކަމަށް ވެދާނެ ފިލްމު ކުޅޭ ހިތްވެސް ވަނީ،" މަލް ބުންޏެވެ.

މަލް---

މަލް ބެލުންތެރިންނަށް ފެނިގެން ގޮސްފައިވަނީ އިސްތިހާރަކުންނެވެ. ނަމަވެސް އޭނާ ފިލްމަކުން ފެނިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މަލްގެ ފުރަތަމަ ފިލްމަކީ ހުސައިން މުނައްވަރު ޑައިރެކްޓް ކޮށްފައިވާ ފިލްމު "ނޭނގިޔާރު ވަކިވީ"އެވެ. އެއީ މަލްގެ ފުރަތަމަ ފިލްމަށް ވުމުން އޭނާ ފެނިގެން ގޮސްފައި ވަނީ ވަރަށް މަދު މަންޒަރެއްގައެވެ.

" އެއީ އަސްލު ޖުމައިހް ދިން އޮފާއެއް. ޖުމާ އަބަދުވެސް ވަރަށް ކްލޯޒް ވާނެ މަލްއާ. އޭނަ ބުނީ އެބައިނޭ ފިލްމެއް. ހިނގާށޭ ޖުމާމެންނާ އެއްކޮށް ވޯކް ކޮށްލަން. އެއީ މަލްގެ ފުރަތަމަ ފިލްމު. ސައިޑް ރޯލަކުން ފެނިގެން ގޮސްފަވާނީ،" ފުރަތަމަ ކުރެވުނު މަސައްކަތާ ގުޅޭގޮތުން މަލް ބުންޏެވެ.

ދެން މަލް ފެނިގެން ގޮސްފައިވަނީ އަލީ ސީޒަން ޑައިރެކްޓްކޮށް މިދިޔަ އަހަރު ރިލީޒް ކުރި "ވަފާތެރި ކެހިވެރިޔާ" އިންނެވެ. އެ ފިލްމުގައި އޭނާގެ ބޮޑު ރޯލެއް ފެނިފައިވާއިރު މަލް ކުޅެފައިވަނީ ކުޑަކޮށް މޮޔަ ކުއްޖެއްގެ ރޯލެވެ.

މަލްގެ ތިންވަނަ ފިލްމަކީ، މިދިޔަ އަހަރު އެންމެ ފަހުން އޮލިމްޕަހުގައި އެޅުވި ކޮމެޑީ ފިލްމު " ބައިވެރިޔާ"އެވެ. ގިނަ ތަރިންތަކަކާއި އެކު ހަދާފައިވާ އެ ފިލްމު ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އިރު މަލް ކުޅެފައިވާ ރޯލަށް ވެސް ބެލުންތެރިން ވަނީ ތައުރީފް އޮއްސާފައެވެ.

މަލްގެ ފުރަތަމަ ވީޑިއޯ ލަވަ އަޒޭ އާ އެއްކޮށް----

ކޮންމެއަކަސް މިދިޔަ އަހަރަކީ މަލް ފިލްމީ ދާއިރާއަށް ނުކުމެ ކާމިޔާބީ އާ ދިމާއަށް މިސްރާބުޖެހި އަހަރެވެ. ތިން ފިލްމަކުން ފެނިގެން ދިޔަ އިރު ބެލުންތެރިންގެ ހިތްތަކުގައި މަލްގެ ނަން ފަވާލެވިއްޖެ އެވެ. މުޅިން އާ އަހަރަކާ އެކު މަލް މިސްރާބު އަނބުރާލީ ޑްރާމާ ސީރީޒް އަކާ ދިމާލަށެވެ. އަނެއްކާ ފިލްމު ތަކުން ފެނުން ވެސް މަދުވަނީ ބާވައެވެ؟

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާގެ ވާހަކަ އަކަށް އަހުމަދު ނިމާލް ޑައިރެކްޓް ކުރާ 26 އެޕިސޯޑުގެ ޑްރާާމާ އަކީ މަލްގެ ފުރަތަމަ ޑްރާމާއެވެ. މަލް ބުނީ ޑްރާމާ ކުޅެން މިފަހަރު ދިޔައީ ލިބިފައިވާ ފިލްމެއް ދޫކޮށްލާފައި ކަމަށެވެ.

" މަލް އަސްލު ޑްރާމާގެ ޝޫޓިން އަށް ފުރީ ފިލްމެއް ދޫކޮށްލާ. ނޯޓީ ފޯޓީ ކުޅެން ލިބިފަ އޮތީ. ކުރިން އޮތީ ނޯޓީ ފޯޓީގެ މަަސައްކަތް ތަންކޮޅެއް ފަހުން ފަށާ ގޮތަށް. އެހެން އޮއްވާ ޑްރާމާ ގެ މަަސައްކަތް ފަށަން އުޅެނިކޮށް އަނެއްކާވެސް ފިލްމުގެ ޝޫޓިންވެސް އަަވަސް ކުރީ. އެކަމު ކޮންމެ ގޮތެއް ވިޔަސް މަލް ދެން ޗޫޒް ކުރީ ޑްރާމާ މިފަހަރު،" މަލް ކިޔައިދިނެވެ.

މަލް ބުނީ ޑްރާމާ އިސްކުރީ އަދިވެސް ބޮޑަށް ބެލުންތެރިންނަށް މަލްގެ ހުނަރު ދައްކައި އޭނާގެ ފަރާތުން ބެލުންތެރިން ހިތް ހަމަޖެހޭވަރުގެ މަސައްކަތްތަކެއް ދައްކާށެވެ.އޭނާ ބުނަނީ އިތުރު ފިލްމެއް ކުޅުމަށް މިހާރު ވާހަކަ ދެކެވެމުންދާ ކަމަށެވެ.

"މި ޑްރާމާ ނެގީ ވެސް އަދިވެސް ބޮޑަށް ބެލުންތެރިންނަށް ކަނެކްޓްވާން ބޭނުންވީމަ. މިއީ ވަރަށް ގިނަ އެޕިސޯޑުގެ ޑްރާމާ އަކަށް ވީމަ ގިނައިން ފެންނާނެ އެންނު. ފިލްމު ވިއްޔާ އަޅުވާނީ ހަމައެކަނި އޮލިމްޕަހުގަ ނޫނީ ބައެއް ރަށް ރަށުގަ. އެކަމު ޑްރާމާ ފެންނާނެ ދޯ އެންމެންނަށްވެސް. މަލް ބޭނުންވަނީ ވަރަށް މޮޅު މަސައްކަތް ތަކެއް ބެލުންތެރިނަށް ދައްކަން،" މަލް ބުންޏެވެ.

މަލް---

މަލް އެންމެ ފުރަތަމަ ވީޑިއޯ ލަަވައަކުން ފެނިފައިވަނީ މިދިޔަ އަހަރުއެވެ. "ހިތް ވަރު މަގޭ" ލަވައިން އަހުމަދު އަޒްމީލް އާ އެއްކޮށް ފެނިގެން ގޮސްފައިވަނީ މަލްގެ ދެވަނަ ލަވަ "އަބަދު މަގޭ ހިތް ބެނުމޭ" ލަވައިން ފެނިފައިވަނީ މުޅިން އާ މޫނަކާ އެކުއެވެ. އަދި އަންނަ މަހުގެ ތެރޭގައި މަލްގެ އާ ލަަވައަކަށް ތައްޔަރުވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

މަލް ބުނީ މިހާތަނަށް ފިލްމު ތަކުގައި ކުޅެފައިވާ ހުރިހާ ރޯލެއްވެސް ކުޅެފައިވާނީ ހިތްހަަމަޖެހިގެން ކަމަށާއި އަންހެނަކަށް ދިމާވާ ކަންތައްތަކެއްގެ މައްޗަށް ހަދާ ފިލްމެއްގައި އެކްޓް ކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ. މަލް ބުނީ ފިލްމެއްގައި ރޯން ޖެހޭ މަންޒަރެއް ކުޅެން ލިބިއްޖެ ނަމަ ވަރަށް މޮޅަށް އެކްޓް ކުރެވޭނެ ކަމަށެވެ.

މިހާތަނަށް އައި އިރު މަލް ބޭނުންވާ ގިނަ ތަރިންނާ އެކު ފިލްމު ތަކުގައި މަަސައްކަތް ކުރެއްވިއްޖެ ކަމަށާއި ދެން އެންމެ ބެނުން ވަނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާ އެކު ފިލްމެއްގައި މަސައްކަތް ކޮށްލަން ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މަލް އެންމެ ފަހުން ފެނިގެންދިޔަ ވީޑިއޯ ލަވަ. މި ލައިވައިން ފެންނަނީ މުޅިން އާ މޫނެއް---

" މަލް އަށް އެބަ ފިލްމު ކުޅެވޭ ބޭނުންވާ ގިނަ ތަރިންނާ އެކު. ދެން ވަރަށް ބޭނުން ކޮޕީ އިއްސެ އާ އެއްކޮށް މަަސައްކަތް ކޮށްލަން. އޭނާ އެއީ މަލް ކުޑަ އިރުން ސުރެވެސް ވަރަށް ސަޕޯޓް ކުރާ މީހެއް. ވަރަށް ގިނައިން ބަލަން އޭނަގެ ފިލްމުތައް. މަލް އަށް އޭނަ އާ އެއްކޮސް މަަސައްކަތް ކޮށްލަން ލިބޭ ދުވަސް އެއީ މަލް ވަރަށް އުފާވާނެ ދުވަހެއް،" އޭނާ ބުންޏެވެ.

ފިލްމީ ދާއިރާ ދޫކޮށްލުމުގެ ހިޔާލެއް މަލްގެ އަދި ނެތެވެ. އޭނާ ހުރީ ފިލްމުތައް ކުޅެން ލިބޭ ވަރަކުން މަސައްކަތް ކުރާށެވެ. ބެލުންތެރިން މުނިފޫހިފިލުވައިދޭން މަލް ހަމަ ތައްޔާރެވެ. ނަމަވެސް މަލް ބުނަނީ ދިރިއުޅުމެއް ފެށުމަށް ފަހު، ފިލްމީ ދާއިރާއާ ދުރަށް ދާން ފިރިމީހާ އެދިއްޖެ ނަމަ އެހިސާބުން ފިލްމު ކުޅުން ހުއްޓާލާނެ ކަމަށެވެ.

comment ކޮމެންޓް