ޔޫރަޕްގެ މާކެޓު ފުޅާވެ، ޒިޔާރަތް ކުރި ޓޫރިސްޓުން 7.6 ޕަސެންޓަށް އިތުރުވެއްޖެ

މާލޭގައި ފަތުރުވެރިންތަކެއް --- ސަން ފައިލް ފޮޓޯ

ދިވެހިރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ ޖުނުއަރީ މަހާ އަޅާބަލާއިރު 7.6 ޕަސެންޓު އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖެ ޒިޔާރަތް ކުރީ ޖުމްލަ 246،388 ފަތުރުވެރިންނެވެ. އެއީ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތް ކުރި 229،035 ފަތުރުވެރިންނާ އަޅާބަލާއިރު 7.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީގެ އިތުރުން އަހަރު އަހަރަށް ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު އިތުރުވެފައި ވަނީ 0.3 ޕަސެންޓަށެވެ. އެއާ އެކު މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވި ނިސްބަތުން މަދު ކަމަށާއި، އިތުރުވި އަދަދު މަދުވި މައިގަނޑު ސަބަބަކީ އާންމުކޮށް ފެބްރުއަރީ މަހާ ދިމާވާ ޗައިނީސް ނިއު އިޔާ ޖެނުއަރީގެ ފަހުކޮޅަށް ދިމާވުމެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 53.5 ޕަސެންޓު ފަތުރުވެރިންނަކީ ޔުރަޕް ސަރަހައްދުގެ ފަތުރުވެރިންނެވެ. އެގޮތުން ޔޫރަޕް ސަރަހައްދުން ރާއްޖެއަށް ޖުމްލަ 131،760 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީއާ އަޅާ ބަލާއިރު 13.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުންނެވެ. އެ ސަރަހައްދުން ރާއްޖެ ޒިޔާރަތް ކުރި 95،626 ފަތުރުވެރިންނާ އެކު ފެބްރުއަރީ މަސްތެރޭ ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ 38.8 ޕަސެންޓު ހިއްސާ ކުރަނީ އެމާކެޓުންނެވެ.

މިހާތަނަށް އެންމެ ގިނައިން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރި 10 މާކެޓުތައް:

  • ޗައިނާ
  • އިޓަލީ
  • އިނގިރޭސި ވިލާތް
  • ޖަރުމަނު ވިލާތް
  • އިންޑިއާ
  • ރަޝިއާ
  • ފްރާންސް
  • ސްވިޒަލޭންޑް
  • ޖަޕާން
  • އެމެރިކާ

މީގެ ތެރެއިން ބައެއް މާކެޓުތަކުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ބަލާއިރު، އިޓަލީން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 28.8 ޕަސެންޓު، އިންޑިއާ މާކެޓު 23.6 ޕަސެންޓު، ރަޝިއާ މާކެޓު 40.3 ޕަސެންޓު އަދި އެމެރިކާގެ މާކެޓު 19.4 ޕަސެންޓަށް ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ 700 ތަނުގައި ޓޫރިސްޓުންނަށް ހިދުމަތް ދޭއިރު، ޖުމްލަ 37،648 އެނދު އެބަހުއްޓެވެ.

comment ކޮމެންޓް