ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ" މި ރޯދަ މަހު ސަން ޓީވީން

ސަންޓީވީން "ދިރިއުޅުމަކީ މިއީބާ" ދެއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދިވެހި ރާއްޖޭގައި އުފެދު އެންމެ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ކޮންމެ އަހަރަކުވެސް ރޯދަ މަހަށް ޚާއްސަކޮށްގެން ގެނެސްދޭ "ދިރިއުޅުމަކީ މިއީބާ" ގެ އެޕިސޯޑުތައް މި އަންނަ ރޯދަ މަހު ސަން މީޑިއާ ގުރޫޕުން ހިންގާ ސަން ޓީވީން ދައްކަން ނިންމައިފިއެވެ.

ބުހާރީ ފިލްމްސްގެ ފަރާތުން ސިލްސިލާ ކޮށް ގެނެސްދޭ އެ ޑްރާމާ ސަން ޓީވީން ގެނެސްދިނުމަށް ނިންމައި މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

އެގޮތުން ސަންޓީވީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން އަލީއެވެ. އަދި ބުހާރީ ފިލްމްސް ގެ ފަރާތުން ސޮއިކުރެއްވީ ޔޫސުފް ރަފީއު އެވެ.

މިއަހަރުގެ ރޯދަ މަހު ސަންޓީވީން "ދިރިއުޅުމަކީ މިއީބާ" ގެ އާ އެޕިސޯޑެއް ކޮންމެ ހަފުތާއަކު ވެސް ގެނެސްދޭނެ އެވެ. މީގެ އިތުރުން ދިރިއުޅުމަކީ މިއީބާގެ ކުރީގެ އެޕިސޯޑުތައް ވެސް މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ރޯދަ މަހު ސަން ޓީވީން ގެނެސްދޭން ވަނީ ނިންމައިފަ އެވެ. އެ ގޮތުން ކޮންމެ ރެޔަކު ވެސް ދިރިއުޅުމަކީ މިއީބާ ސަން ޓީވީން މި ރޯދަ މަހު ގެނެސްދޭނެ އެވެ.

ސަންޓީވީން "ދިރިއުޅުމަކީ މިއީބާ" ދެއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން އަލީ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ،"ދިރިއުޅުމަކީ މިއީބާ" އަކީ ދިވެހި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ ކޮމެޑީ ޕްރޮގްރާމް ކަމަށާއި އެ ޕްރޮގްރާމް ދައްކާ ޗެނެލަކީ ވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޗެނަލަަކަށް ވެފައި އޮންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ ރަަމަޟާން މަހު "ދިރިއުޅުމަކީ މިއީބާ" ގެ އެޕިސޯޑުތައް ދައްކަން ސަންޓީވީއަށް ލިބުމުން ވަރަށް އުފާކުރާ ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިދިޔަ އަހަރުވެސް މަސައްކަތް ކުރިން. އޭގެ ކުރީ އަހަރުވެސް މަަސައްކަތް ކުރިން. އެހެން ނަމަވެސް އެކި ސަބަބުތަކާ ހެދި އެ ފުރުސަތު ލިބޭގޮތް ނުވީ. ކުރިންވެސް މި ފާހަގަ ކުރި ގޮތަށް ވަރަށް ޑިމާންޑިން ޕްރޮގްރާމަކަށްވާތީ މާ ކުރިޔާލާ ކޮންމެސް އެއްބަޔަކު އަބަދުވެސް އޮންނަނީ އެގްރީމެންޓް ހަދާފަ. އަޅުގަނޑު އަސްލު ވަރަށް އުފާކުރަން ޔޫސޭ އަޅުގަނޑުމެންނަށް މި ޕްރޮގްރާމް ދެއްވީތީ. މިދިޔަ އަހަރުގެ އެޕިސޯޑުތައް ދައްކައި ނިމުމާ އެކު އެ ކޮމިޓްމަންޓް ޔޫސޭ ވަނީ ދެއްވާފަ،" ސިނާން ވިދާޅުވިއެވެ.

ސަންޓީވީން "ދިރިއުޅުމަކީ މިއީބާ" ދެއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫސުފް ރަފީއު ވާހަކަދައްކަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޔޫސޭ ބުނީ، ސަން ޓީވީ އަކީ އަބަދުވެސް އޭނާއަށް ވަރަށް ގާތް ގުޅުމެއް އޮންނަ ޗެނަލެއް ކަމަށާއި ސަންގެ ހަބަރުތަކާއި ޕްރޮގްރާމްތަކާ މެދު އަބަދުވެސް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މިފަހަރު ސަން ޓީވީއާ އެއްކޮށް މަސައްކަތް ކޮށްލަން ލިބުމުން ވަރަށް ހިތްހަަމަޖެހުނު ކަމަށާއި ކޮންމެ ބޭފުޅަކުވެސް މިއަހަރުގެ "ދިރިއުޅުމަކީ މިއީބާ" ގެ އެޕިސޯޑުތައް ބަލައިލުމަށް ސަން ޓީވީ އަށް ޓިއުން ކޮށްލުމަށް ވެސް ޔޫސޭ އެދުނެވެ.

comment ކޮމެންޓް