ވަރުގަދަ ކާސްޓަކާ އެކު "ހައްދު"ގެ ޝޫޓިން ފަށައިފި

ޝޫޓިން އަށް ކެލާއަށް ދިޔަ ފިލްމުގެ ކުރޫގެ ބައެއް ތަރިން އެމީހުން ތިބޭ ހޮލިޑޭ ހޯމް ކެލާ ގެސްޓް ހައުސްގެ ބައެއް މުވައްޒަފުންނާ އެއްކޮށް---

މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހް ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކުރާ ފިލްމު "ހައްދު"ގެ ޝޫޓިން ވަރުގަދަ ކާސްޓަކާ ފަށައިފިއެވެ.

ފައްތާހު އާއި އެކު މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވާ އެ ފިލްމުގެ ކުރޫ ހއ. ކެލައަށް ގޮސްފައި ވަނީ އިއްޔެ އެވެ. ކެލާގެ އިތުރުން އެ އަތޮޅު އުތީމުގައި ވެސް ފިލްމުގެ މަންޒަރުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

"ހައްދު" ގެ ބަތަލާ އައްޒަ އަށް ހޮލިޑޭ ހޯމް ކެލާ ގެސްޓް ހައުސް އިން މަރުހަބާ ކިޔަނީ---

ފިލްމުގެ ކުރޫ ޝޫޓިން އަށް ފުރުމުގެ ކުރިން ފައްތާހު ވަނީ މަންޒަރުތައް ނަގާނެ ލޮކޭޝަންތައް ވެސް ކަނޑައަޅާފައެވެ. ފައްތާހު ބުނީ ހއ. އަތޮޅުގެ ޝޫޓިން ކުރިޔަށް ދާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ކަމަށެވެ.

"މި އަތޮޅުގެ ޝޫޓިން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށްފަހު މާލެ ގޮސް ދެން ފިލްމުގެ ކުރޫ ފުރާނީ ރ. ވާދުއަށް،" ފައްތާހު ބުންޏެވެ.

"ހައްދު"ގެ ބައެއް މަންޒަރުތައް މާލެއާއި ރިސޯޓެއްގެ އިތުރުން ސަފާރީ އެއްގައި ވެސް ނަގަން ހަމަޖެހިފައިވާއިރު ފިލްމު ބެލުންތެރިން ބަލައިގަންނާނެ ވަރުގެ ވަރުގަދަ ފިލްމަކަށް ހެދުމަށް ފައްތާހު ދަނީ މަސައްކަތް ކުރަމުންނެވެ.

"ހައްދު" ގެ ބަތަލު ޝިބާން ކެލާގައި---

މަހުދީ އަހުމަދުގެ ސްކްރީންޕްލޭ އަކަށް އޯކޭޒްއިންކް ޕްރޮޑަކްޝަނުން އުފައްދާ އެ ފިލްމުގެ ޝޫޓިން ދޮޅުމަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ފައްތާހު ބުންޏެވެ. އިބްރާހީމް ވިސާން (ކަނޑި)ގެ ސިނަމަޓޮގްރަފީ ފެނިގެންދާ "ހައްދު"ގެ ވާނީ މިއަހަރު ފެނިގެންދާނެ އެންމެ އުންމީދީ އެއް ފިލްމަށެވެ.

އަމިއްލަ ރާގުގެ ފަސް ލަވަ ހިމެނޭ ފިލްމުގެ ހަތަރު ލަވައެއްގެ ރެކޯޑިން ވެސް މިހާރު ވަނީ ނިންމައިފައެވެ. ފިލްމުގެ ޕްރޮމޯޝަނަަލް ލަވަ ފިޔައި ދެން ހުރި ހުރިހާ ލަަވައެއް ކިޔާނީ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާއެވެ.

2014 ވަަނަ އަހަރު ރިލީޒް ކުރި "އާދޭސް" އަށް ފަހު ޑައިރެކްޓް ކުރާ އެ ފިލްމުގެ ޕްރޮމޯޝަނަަލް ލަވަ އިވިގެންދާނީ ވޮއިސް އޮފް މޯލްޑިވްސް އިން ވިދާލި އަހުމަދު ޔާފިއުގެ އަޑުންނެވެ.

މިހާތަނަށް 11 ފިލްމު ބެލުންތެރިންނާ ހަަމައަށް ގެނެސްދީފައިވާ ފައްތާހުގެ "ހައްދު" ގެ ތަރިން ވެސް ފިލްމު މޮޅު ފިލަމަކަށް ހެދުމަށް އަޒުމަ ކަނޑަ އަޅަފައިވާއިރު އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މިހާރު ފިލްމީ ދާއިރާގައި އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރި މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާގެ އިތުރުން ފިލްމީ ދާއިރާއަށް މުޅިން އާ މޫނެއް ކަމަށްވާ އަހުމަދު ޝިބާނެވެ. އެ ތަރިންނާ އެކު ފިލްމީ ދާއިރާގެ އެހެން ތަޖުރިބާކާރު ތަރިންގެ އެކްޓިންވެސް ފެނިގެން ދާނެއެވެ.

"ހައްދު"ގެ ލީޑު ރޯލުން ފެނިގެންދާނެ ތިން ތަރިން--

އޭގެ ތެރޭގައި މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު (ދަރާ)، ފައުޒިއްޔާ ހަސަން، އަލީ ފާރޫގް، މަރިޔަމް ހަލީމް، މުފުލިހާ، މުހްސިނާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ނަޖާހް ހިމެނެ އެވެ.

ފައްތާހުގެ ބާރަ ވަނަ ފިލްމު "ހައްދު"ގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

comment ކޮމެންޓް