ފުލޫއާ ގުޅިގެން އެޗްޕީއޭ ހާޒިރުކޮށްގެން ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

ތާޖުއްދީން ސްކޫލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކު:--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފެތުރެމުންދާ އިންފްލުއެންޒާ ރޯގާއާ ގުޅިގެން ރައްޔިތުންގެ ރައްކާތެރި ކަމަށް އެކަށީގެންވާ ފިޔަވަޅު އެޅެމުންދޭތޯ ޔަގީން ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާޒިރުކޮށްގެން ސުވާލުކުރުމަށް މިރޭ ބާއްވަން ތާވަލު ކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ކެންސަލް ކޮށްފި އެވެ.

މިރޭ 8:30 އަށް ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެޗްޕީއޭ ހާޒިރުކޮށްގެން ބާއްވަން އުޅުނު ބައްދަލުވުން ކެންސަލް ކުރީ އެޗްޕީއޭ އިން އެދިގެންކަން ވަނީ އެނގިފަ އެވެ.

ދެން ކޮމިޓީ ބާއްވާނެ ވަކި ތާރީހެއް މަޖިލީހަކުން ނާންގަ އެވެ.

އެ މައްސަލަ ކޮމެޓީ އަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެވެ. އޭނާ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ ހަލުވިކަމާ އެކު ސުވައިން ފްލޫ ފެތުރެމުންދާ ދިޔުން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅާތޯ ބަލައިދިނުމަށެވެ.

އެކަމާ ގުޅިގެން އެޗްޕީއޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ނިންމީ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ. އެގޮތަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. އެހުށަހެޅުމަށް ކޮމިޓީގައި ތިއްބެވި ހުރިހާ މެމްބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ.

މިހާތަނަށް 199 މީހަކު ވަނީ ސްވައިން ފުލޫއަށް ޕޮޒިޓިވްވެފަ އެވެ. އަދި 35 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ.

comment ކޮމެންޓް