ފުލުހުންގެ އަރުޝީފް ތައާރަފުކޮށްފި

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް "ޕޮލިސް އަރުޝީފް" ތައާރަފްކޮށްދެއްވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ފުލުހުންގެ ކަންކަމާ ގުޅޭ އެކިއެކި މައުލޫމާތުތަކާއި ފޮޓޯ އަދި ވީޑިއޯ ރައްކާކުރުމަށް "ޕޮލިސް އަރުޝީފް" ތައާރަފްކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ އަރުޝީފް އިފްތިތާހުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އެވެ.

މިއަދު ލޯންޗްކުރި ޕޮލިސް އަރުޝީފަކީ ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ބަލަހައްޓާ މަސައްކަތެކެވެ.

ފުލުހުން ބުނީ "ޕޮލިސް އަރުޝީފް"ގެ މައިގަނޑު މަސައްކަތަކީ ފުލުހުންނާއި ގުޅުންހުރި އެކިއެކި ލިޔެކިޔުންތަކާއި ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތި އާކައިވްކޮށް ރައްކާތެރިކަމާ އެކު ގިނަ ދުވަހަށް ދެމެހެއްޓުން ކަމަށެވެ.

"ޕޮލިސް އަރުޝީފް" ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އޭގެ އިތުރުން ފުލުހުންގެ ތާރީހު ދިރާސާކޮށް، ފުލުހުންގެ ތާރީހީ ލިޔުންތަކާއި ފޮޓޯފަދަ ތަކެތި އާކައިވްކުރުމަށް ޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ފުލުހުންގެ އާކައިވްގައި މިހާރު ހުރި ޕޭޕަރު ލިޔެކިޔުންތައް ޑިޖިޓަލްކޮށް ބެލެހެއްޓުމަކީ ވެސް ޕޮލިސް އާކައިވްގެ މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން 29 މާޗް 1993 އިން ފެށިގެން މިއަދާ ހަމައަށް ފުލުހުން ކޮށްފައިވާ އެންމެހާ މަސައްކަތްތައް ވެސް އާކައިވްގައި ޑިޖިޓަލްކޮށް ރައްކާކުރެވިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގެ ތާރީހު ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ މުހައްމަދު ޝާތިރު ވިދާޅުވީ މުއައްސަސާއެއް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށް، އެ މުއައްސަސާއެއްގެ މަސައްކަތްތައް ކުރިއަށް ފެންނާނެހެން އާކައިވްކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޝާތިރު ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރާ މުއައްސަސާއަކަށްވާ އިރު، ރާއްޖޭގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ރަނގަޅު އާކައިވެއް އޮތީ ފުލުހުންގެ މުއައްސަސާގައި ކަމަށެވެ.

މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ގިނަ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް