މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ބެންގަލޫރުން ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖޭގައި އަތުލައިގަނެފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި --- ފައިލް ފޮޓޯ/ ޕޮލިސް

ގިނަ ބާވަތްތަކެއްގެ މަސްތުވާތަކެތި ގެންގުޅެ، އޭގެން ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ބެންގަލޫރުން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އިންޑިއާ ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ދިވެއްސަކާއި 30 އަހަރުގެ ނައިޖީރިއާ މީހެކެވެ. ހައްޔަރުކުރީ އަނިލް އަހްމަދު ކިޔާ ދިވެއްސެއް ކަމަށް އިންޑިއާ ފުލުހުން ބުންޏެވެ.

އިންޑިއާ ފުލުހުން ބުނާ ގޮތުން ބެންގަލޫރުގެ ގެއަކުން އެ ދެ މީހުން ހައްޔަރުކުރީ 48 ގްރާމުގެ ހެޝިޝް އޮއިލް، 430 ގްރާމުގެ މެރުވާނާ، ތިން ގްރާމްގެ މެތަމްފެޓަމީން އަދި އެލްއެސްޑީގެ ފަސް ބްލޮޓާ އެކުގަ އެވެ. އިންޑިއާގެ ފުލުހުން ތުހުމަތުކުރި ގޮތުގައި އެ ދެމީހުންނަކީ ބެންގަލޫރުގައި ޑްރަގު ވިޔަފާރިކުރާ މީހުންނަށް އެތަކެތި ސަޕްލައިކޮށްދޭ ދެމީހުންނެވެ.

އެ މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބެންގަލޫރަށް ހެޝިޝް އޮއިލް އެތެރެކުރަން އުޅެނިކޮށް ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން ދެނެގަތް މީހެއް ކަމަށް އިންޑިއާގެ ފުލުހުން ބުންޏެވެ. ނަމަވެސް އެފަހަރު ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ ފުލުހުންނަށް ފިލައިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންޑިއާގެ ފުލުހުން ބުނާ ގޮތުގައި އަނިލްއާއި ނައިޖީރިއާގެ މީހާ މިހާރު ތިބީ ބަންދުގަ އެވެ.

comment ކޮމެންޓް