ވީޑިއޯ ޓެކްނޮލޮޖީ ފްރާންސަށް ލަނޑު ދީފި

ފްރާންސާއި ސްޕެއިން ރޭ ކުޅުނު މެޗުގެ ރެފްރީ، ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީ ހޯދަނީ -- ފޮޓޯ: އޭޕީ

ފްރާންސުން ރޭ ސްޕެއިނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ވީޑީއޯ ޓެކްނޮލޮޖީގެ އެހީގައި ނިންމި ނިންމުންތަކުގެ ސަބަބަނުން ފްރާންސަށް މެޗު ނާކާމިޔާބު ވެއްޖެއެވެ.

ފްރާންސްގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނީ އެ މެޗުގައި ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރި ސްޕެއިނުންނެވެ. ފުރަތަމަ ހާފުގައި ސްޕެއިންގެ ކުޅުންތެރިން ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު ގޯލެއް ކާމިޔާބު ކުރާނޭ، ތަނަވަސް ހަތަރު ވަރަކަށް ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ.

ރޭ ފްރާންސާއި ސްޕޭން ބައްދަލުކުރި މެޗުގެ ތެރޭން -- ފޮޓޯ: އޭޕީ

މެޗުގައި ފުރަތަމަ ގޯލް ޖެހީ ފްރާންސުންނެވެ. ނަމަވެސް އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ލަފާގެ މަތިންނެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ، ރެފްރީއަށް މަޝްވަރާ ދިނީ ގްރީޒްމަން ބޯޅަ ގޯލަށް ޖެހުމުގެ ކުރިން އޭނާ ހުރީ އޮފްސައިޑުގައި ކަމަށެވެ.

މެޗުގައި ފްރާންސަށް ވީޑިއޯ ޓެކްނޮލޮޖީ ލަނޑުދިންތާ މާގިނަ އިރުތަކެއް ނުވެ މެޗުގފެ 68 ވަނަ މިނިޓްގައި ސްޕެއިން އިންވަނީ ނަތީޖާ އެމީހުންގެ ކޮޅަށް އަނބުރާލައިފައެވެ. ދެވަނަ ހާފުގައި މާބޮޑަށްވެސް ރަނގަޅަށް ކުޅެމުންދިޔަ ފްރާންސް ކޮޅަށް މި ލަނޑު ޖެހީ ޑޭވިޑް ސިލްވާއެވެ.

ފްރާންސާއި ސްޕެއިން ރޭ ކުޅުނު މެޗުގެ ރެފްރީ، ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީ ހޯދަނީ -- ފޮޓޯ: އޭޕީ

ސިލްވާގެ ލަނޑަށް ފަހު ފްރާންސުން އަނެއްކާވެސް މެޗުގެ ނަތީޖާ އަނބުރާލެވޭތޯ މަސައްކަތް ކުރި ނަަމަވެސް އަނެއްކާވެސް ލީޑު އިތުރަށް ފުޅާ ކުރީ ސްޕެއިންއެވެ. މެޗުގެ 77 ވަނަ މިނިޓްގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެރާޑް ޑެއިލޯފްއެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ޖޯޑީ އަލްބާ ދިން ޕާހަކުންނެވެ. އެ ލަނޑުޖެހި ވަގުތު ޑެއިލޯފް ހުރީ އޮފްސައިޑްގައި ކަމަށް ބުނެ ލައިންސްމަން ވަނީ ދިދަ ނަގާފައެވެ. ނަމަވެސް އޭނާ އޮފްސައިޑް ނުވާކަމަށް ރެފްރީއަށް ލަފާ ދިނީ ވީޑިއޯ އެސިސްޓެންޓް ރެފްރީއެވެ.

ރޭ ފްރާންސާއި ސްޕޭން ބައްދަލުކުރި މެޗުގެ ތެރޭން -- ފޮޓޯ: އޭޕީ

ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީއާއެކު މުހިއްމު ދެ ނިންމުމެއް ނިންމި އިރު މި މެޗުގައި ރެފްރީގެ ނިންމުތަކާ މެދު ފްރާންސް ކުޅުންތެރިންވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުންފާޅުކޮށްފައެވެ.

comment ކޮމެންޓް