ހައިރައިޒުން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ވެކޭޝަންސް އެކްސްޕޯގައި ލ. ގަމުގެ ގެސްޓްހައުސް ރެވެރީސް ޑައިވިންގް ވިލެޖުން ބައިވެރިވެއްޖެއެވެ.
ސްޓާވޯޒް ފްރެންޗައިޒްގެ އަށްވަނަ ފިލްމު "ރޯގު ވަން" ރާއްޖޭގެ ހައްދުންމަތި އަތޮޅުގައި ޝޫޓުކުރި އިރު، އެ ފިލްމުގެ ކްރޫއިން ތިބީ ލ. ގަމުގައި ހުންނަ ރެވެރީސް ޑައިވިންގް ވިލެޖުގައެވެ. ރާއްޖޭގއި ސްޓާވޯޒްގެ "ރޯގު ވަން"އަށް ޝޫޓުކޮށްފައި ވަނީ ލ. ގަމުގެ އިތުރުން ލ. ބަރެސްދޫގައެވެ.

ރާއްޖޭގައި ސްޓާވޯޒްގެ މަންޒަރެއް ނެގުމުގެ މަސައްކަތް ކުރަނީ --
"ސަން"އާ ވާހަކަ ދައްކަވަމުން ރެވެރީސްގެ ޖެނެރަލް މެނޭޖަރު އައްބާސް އިބްރާހިމް ވިދާޅުވީ، މިދިޔަ އަހަރު ވެސް ރެވެރީސްއިން ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވި އިރު، މިއަހަރު އެ ގެސްޓްހައުސުން އެކްސްޕޯގައި ބައިވެރިވަނީ ކުރިޔަށް ވުރެ ބޮޑުކޮށް ކަމަށެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެން ނެގީ ޑެސްކެއް. މިފަހަރު އަޅުގަނޑުމެން ސްޓޯލެއް ނަގައިގެން، މިދިޔަ އަހަރަށް ވުރެ ބޮޑުކޮށް އަޅުގަނޑުމެންގެ ހަރަކާތްތައް އެކްސްޕޯގައި ކުރިޔަށް ގެންދާނަން،"
އޭނާ ވިދާޅުވި ގޮތުގައި، އެކްސްޕޯއަށް ޚާއްސަކޮށްގެން ރެވެރީސްއިން އާ ޕެކޭޖުތަކެއް ވެސް ތައާރަފު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހައިރައިޒްގެ ދެވަނަ ވެކޭޝަންސް އެކްސްޕޯ މިއަހަރު ބާއްވާ އިރު، އެ އެކްސްޕޯ އޮންނާނީ ޖުލައި ހައެއް، ހަތެއް އަދި އަށްވަނަ ދުވަހުއެވެ.
އެ އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުން މިހާރު ވެސް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މުސާފިރީން ހައްޖު އުމްރާ ގްރޫޕު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ކްރެކެން އެޑްވެންޓުއާސް، ވިލިމާލޭގެ ވޮނޯވާ ގެސްޓްހައުސްގެ އިތުރުން އިންޑިއާގެ ހޮލިޑޭ ކެރެލާ ހިމެނެއެވެ.