ރޯގާއަށް ދޭ ސަމާލުކަން މިވަބާއަށް ވެސް ދޭން ޖެހޭ!

ސްވައިން ފުލޫއިން ރައްކާތެރިވުމަށް ދިގު ކިޔޫތަކުގައި އެތައް ގަޑިއިރެއް ހޭދަކުރަނީ އެވެ. ޅަދަރިން ގެއިން ނުނެރެ އުޅެމުން އަންނަނީ ރޯގާއިން ސަލާމަތްވުމަށެވެ. ކިތަންމެ ބޭނުންވިޔަސް ދަރިންވެސް ސްކޫލަށް ނުފޮނުވީ އެކަމަށެވެ. އެރޯގާއިން ސަލާމަތްވުމަށް އެތައް އުފަލެއް ވަނީ މަހުރޫމް ކޮށްފަ އެވެ. އެރޯގާގައި ހަ މީހުން މަރުވެގެން ދިއުމަކީ އެތައް ބަޔަކު ކަންބޮޑުވި ކަމެކެވެ. އެއީ އެރޯގާއަށް ދިވެހިިން ދޭ ސަމާލުކަމެވެ.

އެކަން ކިތަންމެހާ ވެސް ރަނގަޅެވެ. ފިޔަވަޅުތައް އެޅުން ވެސް ރަނގަޅެވެ. ނަމަވެސް ހިތާމައަކީ އެންމެ ބޮޑަށް ރައްކާތެރިވާން ޖެހޭ އެފަދަ ކަންކަމުގައި ރައްކާތެރިނުވާތީ އެވެ. ދިވެހި ގައުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން އުފަންވުން އިތުރުވެއްޖެ އެވެ. ބޮޑެތި ބަލިތައް ފެތުރުން ވަރަށް އާންމުވެއްޖެ އެވެ. މަސްތުވުމާއި ޒުވާނުން ހަލާކުވާ ފަދަ ވަބާތައް އިންތިހާ އެވެ. އެކަމުގެ ފަހަތުގައި ވަނީ ދުންފަތެވެ. ސްވައިން ފުލޫއަށް ވުރެ އެބަވާ މާއިތުރެވެ. މާ ނުރައްކަލެވެ.

އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: --- ފޮޓޯ/ ފަޔާޒު މޫސާ

"ސިނގިރޭޓޫގެ ސަބަބުން 480000 އަށް ވުރެ ގިނަ މީހުން ކޮންމެ އަހަރަކު އެމެރިކާގައި މަރުވޭ، އޭގެ ތެރެއިން 41000 މީހުންނަކީ ސިނގިރޭޓް ބޯ މީހުން ދޫކުރާ ދުމުގެ އަސަރު ކުރާ މީހުން، އެހެންވީމާ ކޮންމެ ދުވަހަކު 1300 މީހުން މަރުވޭ، އެވެރޭޖްކޮށް ސިނގިރޭޓް ބޯ މީހުން މަރުވާލެއް ސިނގިރޭޓް ނުބޯ މީހުންނަށް ވުރެ 10 އަހަރު އިތުރު. ކީއްވެތޯ މިކަމާ ކަންބޮޑު ނުވަނީ، އެއީ ރޯގާއަކަށް ނުވުމުންތޯ؟" ޑރ. އަބްދުﷲ އަފީފް ވިދާޅުވި އެވެ.

ރާއްޖެއަށް ބަލާއިރު ވެސް އެކަން އޮތީ އެހެނެވެ. ދެހާސް އެގާރަ ވަނަ އަހަރު ހެދި ދިރާސާއިން ދައްކާ ގޮތުން ރާއްޖޭގެ ފިރިހެނުންގެ ތެރެއިން 44 ޕަސެންޓް އަދި އަންހެނުންގެ ތެރެއިން 11 ޕަސެންޓް މީހުންނަކީ ދުންފަތުގެ އަޅުންނެވެ. އެމިންވަރު މިހާރު އެއަށް ވުރެ މާ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެ އިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އޭގެ ފަހަތުގައި ވަނީ ކެންސަރާއި ލޭހޮޅިތައް ބެދިގެން ކުރިމަތިވާ ނުރައްކާ ބަލިތަކެވެ. އެބަލިތަކުގެ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލް ކުރުމާއި އޭގެ ދުމުން ކުރާ ނޭދެވޭ އަސަރެވެ. ހަމައެހެންމެ ދުންފަތުގެ އެކިއެކި ވަބާތަކުން ކުރާ ނޭދެވޭ އަސަރުތަކެވެ. ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މަރުވާ މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކު މަރުވަނީ ސީދާ ދުންފަތުގެ ސަބަބުންނެވެ.

ޒުވާނުން އެދިމާލަށް!

ދިރާސާތަކުން ދައްކާ ގޮތުން ދިވެހިންގެ ތެރެއިން ނުވަ އަހަރުގެ ކުދިން ސިނގިރޭޓް ބޯން ފަށަ އެވެ. ހަމައެއާ އެކު އަންހެން ކުދިން ދުންފަތުގެ އިސްތިއުމާލް ކުރުން ދަނީ ބާރު ސްޕީޑެއްގައި އިތުރު ވަމުންނެވެ. އޭގެ ތެރެއިން ގިނަ ކުދިންނަށް ސިނގިރެޓު ބޯން ފެށިފައި ވަނީ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ފުށުންނެވެ. އޭނާގެ ނުފޫޒުން ސިނގިރޭޓް ބޯން ދެނީ އެވެ. އަނެއް ބައި ކުދިން ސިނގިރެޓު ބޯން ފެށިފައި ވަނީ ލޯބިވެރިޔާއާ އެކު ވަގުތު ހޭދަކުރާ އިރު ގިނަ ވަގުތުތަކުގައި އޭނާ ސިނގިރެޓު ބޯތީ އެކަން ފެނި، ޓެސްޓް ކުރުމުގެ ގޮތުންނެވެ. ހަމައެހެންމެ ކޮފީތަކުގައި ކުރާނެ މަޖާ ކަމެއްގެ ގޮތުގައި އެކަން ކުރަން ބައެއް އަންހެން ކުދިން ފަށަ އެވެ.

ދުންފަތް ފެތުރުމަށް ދެން އޮތް އަނެއް ވަބާއަކީ ޝީޝާއެވެ. ގެއްލުން ކުޑަނަމުގައި ވިއްކުން އިންތިހާއަށް އިތުރުވެފައިވާ ޝީޝާ ބުއިމަކީ އެތައް ޒުވާނުންގެ ފެޝަނަކަށްވާއިރު އޭގެ ސަބަބުން ޒުވާން ޖީލެއް ދުންފަތުގެ އަޅުންނަށް ވެއްޖެ އެވެ.

"ޝީޝާ އެއްގަޑިއިރު ވަންދެން ބޭނުންކުރީމާ ނޫނީ ބައިގަޑިއިރު ވިޔަސް އެ އެއަށްވަރު ސިނގިރޭޓުގެ އެއްފޮށި އެއްގަޑިއިރު ތެރޭ ބިއުމެކޭ، ޝީޝާ ދަމާލާފައި ނެރޭ އިރު ފެންނާނެ ދެއްތޯ ވަރަށް ބައިވަރު ފުދޭވަރަކަށް ގިނަ ދުން، އެދުން މިދަނީ ހަށިގަނޑުގެ ތެރެއަށް، އެއީ ވަރަށް ނުރައްކާ އެއްޗެއް،" ޑރ. އުސާމާ އުމަރު ވިދާޅުވި އެވެ.

ސިނގިރޭޓް ދުމުން ސަލާމަތްވެވޭނެ ގޮތެއް ނެތް!

ސިނގިރޭޓް ބޯ މީހާގެ އިތުރުން އޭނާ ދޫކުރާ ދުމުގެ އަސަރުކުރާ މީހާގެ ނޭވާލުމުގެ ނިޒާމަށް ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ހަމައެއާ އެކު ހިތުގެ ބައްޔާއި، ހާޓްއެޓޭކް، ސްޓްރޯކް، ފުއްޕާމޭގެ ކެންސަރާއި އުރަމަތީގެ ކެންސަރު ޖެހުމަށް އެ ދުމުގެ ސަބަބުން މަގުފަހިވެ އެވެ. ސިނގިރޭޓުގެ ދުމަކީ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ވިހަ މާއްދާތަކުގެ އަސަރުކުރުވާ ދުމެކެވެ.

"ގާތްގަނޑަކަށް ސިނގިރޭޓް ބޯ މީހަކަށް ދިމާވާ ހުރިހާ ބަލިތަކެއް ސިނގިރޭޓް ނުބޯމީހާއަށް ވެސް އެ ދުމުގެ ސަބަބުން ޖެހޭ. އޭގައި ހުރޭ ބައިވަރު ވައްތަރުތަކުގެ ކެންސަރުތައް. އޭގެ ތެރެއިން ބްރެސްޓް ކެންސަރުން ފެށިގެން ލޭގެ ކެންސަރާއި ގޮހުގެ ކެންސަރާއި ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ކެންސަރު ޖެހޭ،" ޑރ. އައިޝަތު އަރޫނާ ވިދާޅުވި އެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމުގެ" ގަވައިދުގެ ދަށުން އެފަދަ ދުމުން ސަލާމަތް ވުމަށް އުސޫލްތަކެއް ލިޔުމުން ކަނޑައެޅިފައިވެ އެވެ. އެ ގަވައިދުގައި ބުނާ ގޮތުން އާންމުތަންތަނުގައި ސިނގިރޭޓެއް ނުބޮވޭނެ އެވެ. ނަމަވެސް އެ ގާނޫނު ވެސް ތަންފީޒުވާތަނެއް ނުފެނެ އެވެ.

އިސްތިހާރު ކުރުން އާންމު!

ސޯޝަލް މީޑިއާތައް މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތުން ވެސް ދުންފަތުގެ އެކި ތަކެތި ހާއްސަކޮށް ޝީޝާ އިސްތިހާރު ކުރުމަކީ މިހާރު އާންމު ކަމެކެވެ. ބައެއް ރެސްޓޯރެންޓްތަކުން އެ ރެސްޓޯރެންޓެއްގެ ނަން އިސްތިހާރުކުރާ އިރު ސީދާ ޝީޝާ ބޭނުން ކުރެ އެވެ. އަދި ބައެއް ކުޅިވަރުތަކާއި ޒުވާނުންނާއި ގުޅުން ހުރި އެކިއެކި ކަންކަމުގެ ތެރެއިން ވެސް ދުންފަތް އިސްތިހާރު ކުރުމަކީ އާންމު ކަމެކެވެ. ފިހާރަތަކަށް ބެލިނަމަވެސް އެކަން ވަރަށް ސާފެވެ.

ދުންފަތް އިސްތިހާރު ކުރުމަކީ އެންމެ ކުރިންސުރެ ވެސް މަނާކަމެކެވެ. އަދި 2010 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ދުންފަތް ކޮންޓުރޯލް ކުރުމުގެ ގާނޫނު ބުނާގޮތުން އެއްވެސް ސިފައެއްގައި ރާއްޖޭގައި ދުންފަތް އިސްތިހާރު ކުރުމަކީ މަނާކަމެކެވެ. އެކަން ކުރާ ނަމަ ޖޫރިމަނާ ކުރުމާއި ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލްކުރުމުގެ ބާރު ލިބިގެންވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނަނީ ދުންފަތް އިސްތިހާރު ކުރުމަކީ މަނާ ކަމަކަށްވާ އިރު އެކި ގޮތްގޮތަށް ޝީޝާ ޕުރޮމޯޓް ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަފައިވާނެ ކަމަށެވެ.

ގާނޫނު ތަންފީޒެއް ނުވޭ

މީގެ ނުވަ އަހަރު ކުރިން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަކަށް އަމަލުކުރަން ފަށައިފަ އެވެ. ނަމަވެސް ތަންފީޒުވާތަނެއް ނުފެނެ އެވެ. ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހެދިފައި ވަނީ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދެއް އެކަންޏެވެ. ގާނޫނު ތަންފީޒު ކުރަން ހަދަން ޖެހޭ އެހެން ގަވައިދުތައް އޮތީ ނުހެދި އެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި އެ ގާނޫނު ތަންފީޒު ނުކުރެވިފައި ވަނީ ކަމާ ގުޅޭ ގަވައިދުތައް ގެޒެޓް ނުކުރާތީ އެވެ. އެގޮތުން ދުންފަތް އިސްތިހާރު ކުރުން ހުއްޓުވުމާއި ކުޑަކުދިންނަށް ވިއްކުން ހުއްޓުވުމަށާއި ދުންފަތް ވިއްކުމުގައި ލައިސެންސް ނަގަން ޖެހޭ ގޮތަށް ބަދަލު ނުކުރެވި ވަނީ ގަވައިދު ނެތުމުން ކަމަށް ހަސަން ވިދާޅުވި އެވެ.

ރައީސް އޮފީހުން ވެސް މިކަމުގައި އިހުލާސްތެރިވާން ޖެހެ އެވެ. ނުވަ އަހަރު ވެގެންދާ އިރު މިފަދަ މުހިންމު ގަވައިދުތަކެއް ނުހެދި ހުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ.

މިކުޑަ މުޖުތަމައު ދުންފަތުގެ އަޅުންނަށް ވުމުގެ ސަބަބުން އެތަކެއް ބަޔަކު މިވަނީ ކޯމާއެއްގަ އެވެ. އެއްބަޔަކު ފޯރީގައި ސިނގިރޭޓު ބޮއި ބަލި ދާނަށް ދަނީ އެވެ. ދެން އެ އިސްތިއުމާލް ނުކުރަން ތިބި ފަރާތްތަކަށް ވެސް ސަލާމަތެއް ނެތެވެ. ދިރިއުޅޭ މުޅި މާހައުލު އެ ދުމުން ތަޣައްޔަރު ކޮށްފައިވާ އިރު އެންމެ ފަހުން ކުށަކާ ނުލައި ބަލިމަޑު ކަމަކަށް ވެއްޓެނީ އެވެ.

ރޯގާއަކަށް ދިވެހިން މިހާ ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާއިރު މިކަމަށް އަޅަން ޖެހޭ ފިޔަވަޅު މާބޮޑު ކަމަށް ފެނެ އެވެ. ރޯގާއަކީ މޫސުމީ ކަމެކެވެ. ވާގެއްލުން ވެސް ކުޑައެވެ. ނަމަވެސް ދުންފަތުގެ ވަބާއިން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކަށް ނުހަނު ގެއްލުންތަކެއްވެގެންދެ އެވެ. މިކަމަށް ދޭން ޖެހޭ ސަލާލުކަން މާބޮޑެވެ.

comment ކޮމެންޓް