ޝަރުއީ ދާއިރާއާ މެދު އުއްމީދު އާ ވެއްޖެ: ހަސީން

ގާނޫނީ ވަކީލު އަބްދުﷲ ހަސީން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް އުފުލި، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައެޅުމުން ޝަރުއީ ދާއިރާއާ މެދު އޮތް އުއްމީދު އިތުރަަށް އާ ވެއްޖެ ކަމަށް ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމްގެ މައްޗަށް ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުން ނިންމާލުމަށްފަހު، މީޑިއާ އާ ވާހަކަފުޅު ދައްކަވަމުން ހަސީން ވިދާޅުވީ، އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމާ ދޭތެރޭ އެއްވެސް ހާލެއްގައި އުއްމީދު ކަނޑާނުލާ ކަމަށާއި، ޝަރީއަތުން ކުރާ ހުކުމްތަކަށް އިހްތިރާމް ކުރާ ކަމަށެވެ.

"(ވިސާމް)ގެ ހުކުމާ ގުޅޭ ގޮތުން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމާ ދޭތެރޭގައި އަޅުގަނޑުމެންގެ އުއްމީދުތައް އެއްވެސް ހާލެއްގައި ގެއްލިގެން ނުދޭ،" ހަސީން ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާއާ ދޭތެރޭގައިވެސް ތަފާތު ފަރާތްތަކުން ތަފާތު ގޮތް ގޮތަށް ވާހަކަ ދެއްކި ކަމުގައި ވީ ނަމަވެސް، މިދާއިރާއާ ދޭތެރޭގައިވެސް އަޅުގަނޑުމެންނަށް އުއްމީދު އާ ވެގެން ދިޔަ ހުކުމެއް ކަމުގައި އަޅުގަނޑު ފާހަގަ ކުރަނީ."

ވިސާމްގެ މައްޗަށް މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ވީޑިއޯގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށާއި، އެހެން ކަމުން ވިސާމުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

އެ ވީޑިއޯގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ޝަރީއަތުން ބުނެފައިވާއިރު، އެކަމާ ގުޅިގެން ހަސީން ވިދާޅުވީ، ވިސާމްގެ މައްޗަށް ކޮށްފައިވާ ދައުވާ ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށްވެސް ކޮށްފައިވާ ކަމަށާއި، އަދި އެ ދައުވާ އާދަމް ޒަރީރުގެ މައްޗަށް ސާބިތުކޮށްފައިވަނީ އެ ވީޑިއޯ އަސާސަކަށް ބަލައިގެން ކަމަށެވެ.

އާދަމް ޒަރީރުގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މިއަދު ވިސާމުގެ މައްޗަށް ކުރި ހުކުމާއި ގުޅިގެން އެ މައްސަލައިގެ އިސްތިއުނާފާ މެދު އުއްމީދުތައް އާވެފައިވާ ކަމަށް ހަސީން ވިދާޅުވިއެވެ.

comment ކޮމެންޓް