ވިސާމްގެ މައްޗަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް މިއަދު ކްރިމިނަލް ކޯޓުގެ ބޭރުގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު މުޒާހަރާ ކުރިއިރު ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމުން އެ މީހާ ހައްޔަރު ކުރި ސަބަބުން ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ ކަމަށެވެ.

ވިސާމްގެ މައްޗަށް ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖްގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

އެގޮތުން އެ ވީޑިއޯއަކީ ފެށުނީއްސުރެ މެދުކެނޑިގެން ގޮސްފައި ނުވާ ވީޑިއޯއެއްކަން ސާބިތު ނުވާ ކަމަށާއި، އެ ވީޑިއޯ ހުށަހޅާފައިވަނީ ބައިބަޔަށް ކަމަށެވެ.

އެ ވީޑިއޯއިން ވިސާމް ހައްޔަރު ކުރި މަންޒަރު ނުފެންނަ ކަމަށާއި، ފެންނަނީ އޭނާ ހައްޔަރުކޮށްގެން ގެންދާ މަންޒަރު ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ފުލުހުން ބެރިކޭޑް ޖަހާފައިވާ ސަރަހައްދަށް ނޫސްވެރިން ވަނުން މަނާކޮށްފައި ނުވާ ކަމަށާއި، އެވަގުތު ވިސާމް ހުރީ ނޫސްވެރިއެއްކަން އަންގައިދޭ ފާސް އަޅައިގެން ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އޭގެ އިތުރުން ދައުލަތުން ވިސާމްގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކި ބަހުން ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ 28،800 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. ހަމަ އެ ދައުވާ ސާބިތުވެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް ވެސް ވަނީ އެ ހުކުމް އިއްވާފަ އެވެ.

comment ކޮމެންޓް