އިއްޔެގެ ވޯޓުގައި ކަން ހިނގި ގޮތާ ގުޅިގެން އެމެރިކާ އެމްބަސީ އިން ކަންބޮޑުވުން ފާޅުކޮށްފި

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ދިޔައިރު، އިދިކޮޅު އިއްތިހާދުން މަޖިލިސް ތެރޭގައި އިހުތިޖާޖްކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ކަންކަން އިއްޔެ ކުރިޔަށް ދިޔަ ގޮތާ މެދު އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ކަން ހިނގާފައި ވަނީ އާންމު އުސޫލުތަކާއި އިޖުރާއަތްތަކާ ޚިލާފަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޖިލީހުގައި މިނިވަން އިންސާފުވެރި ވޯޓެއް ނެގުމަށް ހުރަސް އެޅުނު ކަމަށް އެމްބަސީއިން ބުންޏެވެ.

އިއްޔެ މަޖިލީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި މަސީހުގެ އިތުބާރު ނެތްކަމުގެ ބަހުސް ކުރަމުން ދިޔަ އިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ، މަޖިލީހުގެ ވޯޓިންގް ނިޒާމުގައި މައްސަލަ އުޅޭ ކަމަށް ވިދާޅުވެ، ރޯލް-ކޯލް ވޯޓެއް ނެގުމަށް ހުށަހަޅުއްވައިފަ އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުގައި ރޯލް-ކޯލް ނުވަތަ ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގޭނީ މަޖިލީހުގެ އީވޯޓިންގް ސިސްޓަމުގައި މައްސަލައެއް އުޅޭކަން ކަނޑައެޅި ފާޅުގައި އެނގެން އޮންނަ ނަމައެވެ.

އީވޯޓިންގް ނިޒާމުގެ ބޭނުންކޮށްގެން ރޯލް-ކޯލް ވޯޓު ނެގުމަށް ފާސްކުރި އިރު، އިދިކޮޅު އެމްޑީޕީ އާއި، ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މައުމޫނަށް ވަފާތެރި މެމްބަރުން ވަނީ މަޖިލީހުގައި އަދުގަދަކޮށް، މަޖިލީސް ވޯޓު ހުއްޓުވުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ރޯލް-ކޯލް ވޯޓު ނެގީ ގަވައިދާ ޚިލާފަށް ކަމަށް އެ މެމްބަރުން ބުނަމުން ދިޔަ އެވެ.

އެންމެ ފަހުން މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގީ އިދިކޮޅު 13 މެމްބަރެއްގެ ނަން އިއްވައި، އެ މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ފަހު އެވެ.

އެމެރިކާ އެމްބަސީގެ ބަޔާނުގައި ވަނީ، މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާއި ހަމަހަމަކޮށް ކުރިޔަށް ގެންގޮސް، މިނިވަން އިންސާފުވެރި އިންތިޚާބުތަކަށް ފުރުސަތުދީ، އަދި ޚިޔާލުފާޅުކުރުމާއި، ނޫސްވެރިކަމާއި އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމަށް އިތުބާރު ދެމެހެއްޓުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް އިއްޔެ ނެގި ވޯޓަކީ މަޖިލީހުގެ ގަވައިދާ ޚިލާފަށް ނެގި ވޯޓެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި ވޯޓުގެ ވަގުތު ކުރިމަތިވި އިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވި އިދިކޮޅު މެމްބަރުން ވަނީ ޖަލްސާއިން "ވޯކް އައުޓް" ކޮށްފަ އެވެ.

comment ކޮމެންޓް