ރައީސް މައުމޫން ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކޮށްފި

ރިޔާސީ އިންތިހާބު ކާމިޔާބުވުމުން، އެކަމުގެ އުފަލުގައި ބޭއްވި ހަފްލާގައި ރައީސް މައުމޫނާއި ރައީސް ޔާމީން ބައްދާލަނީ-- ސަން ފޮޓޯ/ ފަޔާޒު މުސާ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީގެ މެމްބަރު ކަމުން ވަކިކުރުމަށް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ޕީޕީއެމުން މައުމޫން ވަކިކުރަން ނިންމީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ ކަންތައްތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހުގައި ކަމަށާއި ކޮމެޓީން ދިން ފުރުސަތަށް އެމަނިކުފާނު އިޖާބަ ދެއްވާފައި ނުވާ ކަމަށެވެ.

ޕީޕީއެމުން މައުމޫން ވަކިކޮށްފައި ވަނީ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމަކުން ފާސްކޮށްފައިވާ ގަރާރަށް ރިޔާއަށްކޮށެވެ. އެ ގަރާރަށް ރިޔާއަތްކޮށް، ސުލޫކީ ކޮމެޓީގެ މައުމޫންގެ މައްޗަށް ހަތް ތުހުމަތެއް ވަނީކޮށްފަ އެވެ.

މައުމޫންގެ މައްޗަށް ހަތް ތުހުމަތެއް ކުރި:

  • އެމްޑީޕީއާ ގުޅިގެން، އިދިކޮޅު ފިކުރު ކުރިއަރުވާ ކަމުގެ ތުހުމަތު
  • ޕީޕީއެމްގެ ފިކުރާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު
  • ސަރުކާރުގެ މަޝްރޫއުތަކަށް ފާޅުގައި ދެކޮޅު ހައްދަވައި، ސަރުކާރާ މެދު ނަފްރަތު އުފެއްދުން
  • ޕީޕީއެމްގެ ރުހުމެއް ނެތި، އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުން ހެއްދެވުން
  • ޕީޕީއެމްގެ ހުއްދަ ނެތި، ޕާޓީގެ ލޯގޯ އާއި ސިއްކަ ބޭނުން ކުރަން އެކި ފަރާތްތަކަށް ހުއްދަ ދިނުން
  • ޕީޕީއެމް ހިންގުން ޔާމީނާ ހަވާލު ކުރުމަށް ކުރި ހުކުމަށް ގޮންޖެއްސެވުން

ރައީސް މައުމޫން އިސްކޮށް ހުންނަވައި 27 އޮކްޓޯބަރު 2011، ގައި އުފެއްދި ޕާޓީ، ޕީޕީއެމުން އެމަނިކުފާނު ވަކިކުރީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ސުލޫކީ ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުގަ އެވެ.

އަށާރަ ޖެނުއަރީ 2013، ބޭއްވި ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސުން ޕީޕީއެމްގެ ފުރަތަމަ ރައީސަކަށް އިންތިހާބު ކުރި މައުމޫން، އެ ޕާޓީ މެމްބަރުކަމުން ވަކިވިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި ނަމަ، އެ ޕާޓީގެ ރައީސްކަމުގެ މަގާމު ވެސް ހުސްވެގެންދާނެ އެވެ.

ނަމަވެސް އެ ވާހަކަތަކަށް މައުމޫން ވަނީ ރައްދު ދެއްވައިފަ އެވެ. މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީގެ މެމްބަރުން ވަކިކުރުމުގެ ބާރެއް "ދަރުބަރު ފެކްޝަން"އަށް ލިބިގެން ނުވާ ކަމަށެވެ. އަދި މާތްﷲގެ މިންވަރުފުޅާ އެކު ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ދެމި ހުންނަވާނެ ކަމަށެވެ.

comment ކޮމެންޓް