ސިޔާސީ ޕާޓީ، ޕީޕީއެމް ރަޖިސްޓްރީކޮށްދީފި

ކުރީގެ ރައީސް މައުމޫން އަބަދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް (ޕީޕީއެމް) މިއަދު އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކޮށްދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ޕީޕީއެމްގެ އިންތިގާލީ ކައުންސިލް މެމްބަރު، ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އާ ރަޖިސްޓަރީ ހަވާލުކޮށްދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕޮލިޓިކަލް ޕާޓީއެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ވަރަށް ފުރިހަމަ އަށް ގެނެވިފައިވާ ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފް ނުވެ ދިވެހި ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދަދޭން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.

ޕީޕީއެމް ރަޖިސްޓްރީ ކުރުމަށް ބޭއްވި ޖަލްސާ ނިންމާލުމަށް ފަހު ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޕީޕީއެމް ރަޖިސްޓްރީ ކުރުމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ސަރުކާރު ބަލިކޮށްލުމަށް އެޅި ފުރަތަމަ ރަސްމީ ފިޔަވަޅު ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީ މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން، ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ތެރެއިން. އަޅުގަނޑުމެން ސިޔާސީ ޕާޓީތައް އުފެއްދުމަށް އެހީތެރިވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކޮށްގެން 2013 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރު ބަދަލު ކުރުމަށް އަޅުގަނޑުމެން ފުރަތަމަ ރަސްމީ ފިޔަވަޅު އަޅައިފިން،" މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފުގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ މިއަދު އެ ޕާޓީ ރަޖިސްޓްރީ ކުރެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ. އަދި އެ ޕާޓީން ކުރާ ހުރިހާ ކަމެއްގައި ރައްޔިތުންގެ ލާބަ ހުރި ގޮތަކަށް ބަލާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމް ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފުރަތަމަ ހުށަހަޅާފައި ވަނީ މި ދިޔަ މަހު 5 ވަނަ ދުވަހު އެވެ. އެފަހަރު ހުށަހެޅި 703 ފޯމުގެ ތެރެއިން 50 ފޯމް ސައްހަ ކަމަށް ފެންނާތީ ޕާޓީ އުފައްދަން ކުރަން ޖެހޭ އެހެނިހެން މަސައްކަތް ކުރުމަށް 11 ސެޕްޓެމްބަރުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމް އަށް ހުއްދަ ދީފަ އެވެ.
ޕީޕީއެމް އިން ބުނީ ޕާޓީ ރަޖިސްޓްރީ ކުރީ ގާތްގަނޑަކަށް 3200 މީހުންނާ އެކު ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Ahmed Mahuloof (mp3)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު